ޚަބަރު

ޖޭއެސްސީގެ މެމްބަރު ކަމަށް ގާސިމާއި، ފާރިސް އަދި ރިފްއަތު އައްޔަންކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމާއި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން އަދި ބަންޑާރަނައިބު އިބްރާހިމް ރިފްއަތު އައްޔަންކުރައްވައިފިއެވެ.

ޖޭއެސްސީގެ މެމްބަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އެމަގާމަށް އައްޔަން ކުރައްވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ހ) އާއި، ގާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ގާނޫނު) ގެ 3 ވަނަ މާއްދާގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިންނެވެ.

ޖޭއެސްސީގެ މެމްބަރު ކަމަށް ބަންޑާރަނައިބު ރިފްއަތު އައްޔަން ކުރައްވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ވ) އާއި، ގާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ގާނޫނު) ގެ 3 ވަނަ މާއްދާގެ 9 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިންނެވެ.

އެ ކޮމިޝަންގެ މެމްބަރު ކަމަށް އައްޔަން ކުރެއްވި ފާރިސް އެ މަގާމަށް އައްޔަން ކުރައްވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ބ) އާއި، ގާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ގާނޫނު) ގެ 3 ވަނަ މާއްދާގެ 5 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިންނެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެމްބަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު އައްޔަން ކުރެއްވި ތިން ބޭފުޅުން އެ ކޮމިޝަންގެ މެންބަރު ކަމުގެ ހުވާކުރެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީގެ ކުރިފުޅުމަތީގައެވެ.

އެ ތިން ބޭފުޅުން ކޮމިޝަންގެ މެންބަރު ކަމުގެ ހުވާކުރައްވައި މަގާމުގެ ލިޔުން ހަވާލުކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.