ފެބްރުއަރީ 8، 2012 ގައި އެމްޑީޕީގެ އެތައް ބަޔަކަށް އަނިޔާކުރިޔަސް އެޕާޓީގެ އަޒުމެއް ނުގުޑާނެ ކަމަށް އެދުވަހު ވެސް ވިދާޅުވެފައިވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ސަރުކާރާ ދެކޮޅަށް އާންމުން ކުރި މުޒާހަރާ ބޮޑުވެ، އެންމެ ފަހުން އެކަމުގެ ތެރެއަށް ފުލުހުންނާއި ސިފައިން ވެސް ވަދެ ހިންގި ހަމަނުޖެހުންތަކަށްފަހު، ރައީސް ނަޝީދު އިސްތިއުފާ ދެއްވީ ފެބްރުއަރީ 7، 2012 ގައެވެ. އެމަނިކުފާނާއި އެމްޑީޕީން އޭރު ވެސް އަދި މިހާރު ވެސް ގަބޫލުކުރަނީ އެއީ ފުލުހުންނާއި ސިފައިން ގެނައި ބަގާވާތެއް ކަމަށެވެ.
އެކަމާއި ގުޅިގެން އެމްޑީޕީގެ ސަޕޯޓަރުންނާއެކު ރައީސް ނަޝީދު ވަނީ މަގުތަކަށް ނުކުންނަވައި ބޮޑު މުޒާހަރާއެއް ކުރައްވައިފައެވެ. މުޅި ރާއްޖޭގައި ކުރިއަށް ގެންދިޔަ އެ އިހުތިޖާޖުގެ ތެރެއިން އެމްޑީޕީގެ ސަޕޯޓަރުންނަށާއި ޕާޓީގެ އިސްވެރިންނަށް ފުލުހުންނާއި ސިފައިންގެ ފަރާތުން ބޮޑެތި އަނިޔާތަކެއް ލިބުނެވެ. އަދި އިހުތިޖާޖުގެ ބައިވެރިން ވަނީ ދައުލަތުގެ މުދަލާއި އިމާރާތްތަކުގައި ހުޅުޖަހައި ބޮޑެތި ގެއްލުންތަކެއް ދީފައެވެ.
އެދުވަހު ކަން ހިނގައިދިޔަ ގޮތުގެ ހަނދާންތައް އާކުރައްވައި ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފެބްރުއަރީ 8، 2012 ގައި އެމްޑީޕީގެ ގައުމީ މަޖިލިސް އެއްވެ ނިންމީ އެމްޑީޕީގެ ވެރިކަން ވައްޓާލީ ބަޣާވާތަކުން ކަމާއި އަލުން އަނބުރާ ވެރިކަން ހޯދުމަށް ކަމަށެވެ.
"ހަވީރުވީއިރު އެމްޑީޕީގެ އެތައް ބަޔަކަށް ނުހައްގު އަނިޔާކުރި ނަމަވެސް އޭރުވެސް އަޅުގަނޑުމެން ބުނީ އެމްޑީޕީއެއް އިރާދަފުޅުން ފަހަތަކަށް ވެސް ނުޖެއްސޭނެ، ފިކުރެއް ވެސް ނުފޮހެވޭނެ، އަޒުމެއް ވެސް ނުގުޑާނެ." ކުރީގެ އެ ހަނދާންތައް އާ ކުރައްވާ ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީގެ ވެރިކަން ވެއްޓުނުތާ އިއްޔެއަށް އަށް އަހަރު ފުރިފައިވާއިރު، ކޯލިޝަނެއްގެ ތެރެއިން އެޕާޓީން މިވަނީ ވެރިކަމަށް އައިސްފައެވެ. އަދި ދައުލަތުގެ ތިން ބާރުގެ ތެރެއިން ދެ ބާރުގެ ވެރިންނަށް ތިއްބެވީ އެމްޑީޕީގެ ބޭފުޅުންނެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ.
އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ވެސް އޮތީ އެމްޑީޕީގެ އަތުގައެވެ.