ކުޑަކުދިންނަށް ހިދުމަތްދޭ ފަރާތްތަކުން އެކުދިންނަށް ރައްކާތެރި މާހައުލެއް ކަށަވަރުކޮށްދޭތޯ ބަލައި، ޖަވާބުދާރީ ކުރުވަންޖެހޭ ކަމަށް ޖެންޑާ މިނިސްޓަރުގެ މަގާމަށް އައްޔަން ކުރައްވަން ނިންމަވާފައިވާ އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.
ޖެންޑާ މިނިސްޓަރުގެ މަގާމުގައި ހުންނެވި ޝިދާތާ ޝަރީފު އެ މަގާމުން އިސްތިއުފާ ދެއްވުމުން، ޖެންޑާ މިނިސްޓަރުކަމަށް އައްޔަން ކުރެއްވުމަށް ރައީސް ނިންމަވާފައިވާ އައިޝަތު ދީދީ މިއަދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، ކުދިންނަށް ރައްކާތެރި މާހައުލަކީ އެކުއްޖެއްގެ ގާބިލުކަމަށް ފުރިހަމައަށް ވާސިލްވުމަށް ހިތްވަރުދީ، އެކަން ބަލައިގަނެ އަދި އެކުދިންނަށް އިހުތިރާމްކުރާ ރަހުމަތްތެރި މާހައުލެއް ކަމަށެވެ.
އެހެންކަމުން ކުޑަކުދިންނަށް ހިދުމަތްދޭ އިދާރާއެއް ނުވަތަ ޖަމިއްޔާއަކުން ވެސް ކުޑަކުދިންނަށް އެފަދަ ރައްކާތެރި މާހައުލެއް ކަށަވަރުކޮށްދޭތޯ ބަލައި، ގާނޫނާއި ގަވާއިދުގެ ތެރެއިން ޖަވާބުދާރީ ކުރުވަންޖެހޭ ކަމަށް ވިދާޅުވެފައިވެއެވެ.
ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުގައި މިވަގުތު ހުންނެވި އައިޝަތު މުހައްމަދު ދީދީ، ޖެންޑާ މިނިސްޓަރުގެ މަގާމަށް އައްޔަން ކުރައްވާނެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާން ކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ސައިކޮލޮޖީ އިން ޑިގްރީ، އަދި ތައުލީމީ ދާއިރާއިން މާސްޓާސް ޑިގްރީ ހޯއްދަވާފައިވާ އަދި ޔޫއެން އާއި ޔުނިސެފް ފަދަ ޖަމިއްޔާތަކާ ގުޅިގެން ވެސް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ އައިޝަތު ދީދީ ވަނީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޖެންޑާ މިނިސްޓަރުގެ މަގާމު އަދާކުރައްވައިފައެވެ.
އޭގެ ފަހުން ތައުލީމީ ދާއިރާ އާއި ކުޑަކުދިންނާއި އަންހެނުންގެ ހައްގުތަކާ ބެހޭ ކޮންސަލްޓަންޓެއްގެ ގޮތުގައި ގިނަ ހިދުމަތްތަކެއް ކުރެއްވިއިރު، ޔޫއެން އާއި ޔުނިސެފް ފަދަ ޖަމިއްޔާތަކާ ގުޅިގެން ވެސް ގިނަ މަސައްކަތްތަކެއް ވަނީ ކުރައްވައިފައެވެ.
ޖެންޑާ މިނިސްޓަރުގެ މަގާމަށް އައިޝަތު ދީދީ އައްޔަން ކުރައްވާނެ ވަކި ތާރީހެއް އަދި ނޭނގެއެވެ.