ޚަބަރު

ހުޅުމާލެއިން ޓޯކުރާ އުޅަނދުތައް ބެހެއްޓުމަށް އެޗްޑީސީން ފުލުހުންނަށް ބިމެއް ދެނީ

އަހުމަދު ވަޖީފު

ހުޅުމާލޭގައި ޓޯކުރާ އުޅަނދުތައް ބެހެއްޓުމަށް ބޭނުންވާ ބިން ދިނުމާ ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެޗްޑީސީގެ އޮފީހުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ފުލުހުންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަލީ ރަޝީދެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދެވެ.

އެ އެއްބަސްވުމުގެ ދަށުން ހުޅުމާލެ ޓްރެފިކް ފުލުހުން ޓޯކުރާ އުޅަނދުތައް ބެހެއްޓުމަށް ވަގުތީ ޓޯޔާޑެއް ގާއިމުކުރުމަށް ބޭނުންވާ ބިން ދިނުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ފޭސް ދެއަކުންނެވެ.

ފުލުހުން ބުނީ ހުޅުމާލޭގައި ވަގުތީ ޓޯޔާޑެއް ގާއިމުކުރެވިގެން ދިއުމުން ފުލުހުންގެ މަސައްކަތްތަކަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށާއި ހުޅުމާލޭގައި ވަގުތީ ޓޯޔާޑެއް ގާއިމުކުރެވިގެން ދިއުމުން ފުލުހުންގެ މަސައްކަތްތަކަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށެވެ.

އެޗްޑީސީގައި ބޭއްވި އެ ރަސްމިއްޔާތުގައި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރަޝީދުގެ އިތުރުން އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަޙްމަދު އާތިފް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.