ޚަބަރު

ބިލު ގާނޫނަކަށް ހަދައި، އަނިޔާ ތަހައްމަލު ކޮށްފައިވާ މީހުންނަށް އިންސާފު ލިބުމަކީ، މިއަދުގެ އުއްމީދު: އޭޖީ

އިބްރާހިމް ޒަކީ

ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމާއި، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި، 1 ޖެނުއަރީ 2012 އިން ފެށިގެން 17 ނޮވެމްބަރު 2018އާ ދެމެދުގައި ހިނގާފައިވާ ކަންތައްތައް ބަލަން އަމާޒު ކޮށްގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިންތިގާލީ އިންސާފުގެ ބިލު ފާސްކޮށް ގާނޫނަކަށް ހަދައި، އަނިޔާތައް ތަހައްމަލު ކޮށްފައިވާ ގިނަ ބަޔަކަށް އިންސާފު އަވަހަށް ލިބުމަކީ، މިއަދުގެ އުއްމީދު ކަމަށް އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު ވިދާޅުވެއްޖެ އެވެ.

އިންތިގާލީ އިންސާފުގެ ބިލަކީ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލެކެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެކޮޅަށް ސިފައިންނާއި ފުލުހުންގެ ބަޔަކާއި، އާންމުންގެ ބަޔަކު ނުކުމެ އިސްތިއުފާ އަށް ގޮވައި ކުރިމަތިކުރުވި ފިއްތުންތަކުގެ ސަބަބުން ރައީސް ކަމުގެ މަގާމުން އިސްތިއުފާ ދެއްވި ފެބްރުއަރީ 7، 2012 ވަަނަ ދުވަހާ ގުޅުވައިގެން، ބަނަޑާރަ ނާއިބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިންތިގާލީ އިންސާފުގެ ބިލުގެ ބޭނުމަކީ ތެދު ހާމަކޮށް، ތަކުރާރުކޮށް، ކުށްކުރުން ހުއްޓުވައި ޖަވާބުދާރީ ކުރުވަނިވި ދައުލަތެއް ބިނާކުރުން ކަަމަށެވެ.

ފުލުހުންނާއި ސިފައިންގެ ތެރެއިން ބަޔަކާއި އާއްމުން ރައީސް ނަޝިދާ ދެކޮޅަށް ނިކުމެ، ކުރިމަތިވެ ވަޑައިގެންނެވި ޕްރެޝަރުން، އަމިއްލަ ފުޅަށް އިސްތިއުފާ ދެއްވި ނަމަވެސް، އެމަނިކުފާނަށް ތާއީދު ކުރާ އެމްޑީޕީ މެމްބަރުން ތަކުރާރު ކޮށް ބުނަމުން އަނަނީ، ނަޝީދު އިސްތިއުފާ ދެއްވީ، އޭރުގެ އިދިކޮޅު ފަރާތްތަކުން ގެނައި ބަޣާވާތަކުން ކަމަށެވެ.

ނަމަވެސް އެހާދިސާ ތަހުގީގު ކުރަން އުފެއްދި ނޭޝަނަލް އިންކުއަރީ ކޮމިޝަން (ކޯނީ) އިން ނިންމާފައި ވަނީ ވެސް އެއީ ބަގާވާތެއް ނޫން ކަމަށެވެ.