އަލީ ޔާމިން
ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، އެފަރާތްތަކަށް ރާއްޖެއަކީ އާމާންތަނަކަށް ހެދުމަށް އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އެހެން ބުނެފައި މިވަނީ، މާފުށީގައި އަންހެން ފަތުރުވެރިއަކު ހައްޔަރުކުރުމުގައި ފުލުހުންގެ ޕްރޮފެޝަނަލް ކޮމާންޑާ ހިލާފުވެފައިވާ ކަމަށް ބުނެ އެތައް ބަޔަކު ފާޑު ކިޔަމުން ދަނިކޮށެވެ. އަދި މިދިޔަ ހަފްތާގެ ތެރޭގައި ހުޅުމާލޭގައި ތޫނު އެއްޗަކުން ތިން ފަތުރުވެރިއަކަށް ހަމަލާދީ ވަނީ ޒަހަމްކޮށްލައިފައެވެ. ކައިރި ކައިރީގައި ހިނގި މި ދެ ހާދިސާ ވެސް ވަނީ ދުނިޔޭގެ މީޑިއާތަކުން ރިޕޯޓްކޮށްފައެވެ.
ފަތުރުވެރިންނަށް އަމާޒުކޮށްގެން ދިން ހަމަލާއަށްފަހު ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ އިސްކަމެއް ދޭނެކަން ހާމަކޮށް ޓޫރިޒަމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ހުޅުމާލޭގައި ފަތުރުވެރިންނަށް ދިން ހަމަލާގައި ޒަހަމްވި ފަތުރުވެރިންގެ ހާލު ބެލުމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އެމީހުންގެ ގާތަށް ޒިޔާރަތްކޮށްފައިވާ ކަމަށެވެ. އަދި އެފަރާތްތަކުގެ ހާލު ސްޓޭބަލް ކަމަށް ބުނެފައިވެއެވެ.
މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނީ، މާފުށީގައި އަންހެން ފަތުރުވެރިއަކު ހައްޔަރުކުރުމުގައި ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑާ ހިލާފުވެފައިވާ ކަމަށެވެ. ނަމަވެސް ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިން ވެސް ރާއްޖޭގައި ހެދިފައި ހުންނަ ގާނޫނުތަކާއި ގަވާއިދުތަކަށް އިހްތިރާމް ކުރަންޖެހޭ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.
މާފުށީގައި އަންހެން ފަތުރުވެރިއަކު ހައްޔަރުކުރުމުގައި ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑާ ހިލާފުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނިއިރު، ފަތުރުވެރިއާ ހައްޔަރުކުރުމުގައި ފުލުހުން އަމަލުކޮށްފައިވަނީ ގޯސްކޮށް ކަމަށް ބުނެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ މައާފަށް އެދިވަޑައިގެން، އެ މައްސަލަ ތަހުގީގު ކުރާނެ ކަމަށް ވިދާޅުވެފައެވެ.