އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ކ. އަތޮޅު ކައުންސިލްގެ ރައީސް ކަމަށް ވާދަކުރުމަށް ޕީޕީއެމްގެ ޓިކެޓް މުހައްމަދު ނިމާލް ކާމިޔާބު ކުރައްވައިފިއެވެ.
އިއްޔެ ބޭއްވި ޕީޕީއެމްގެ ޕްރައިމަރީ ނިމާލް ކާމިޔާބު ކުރެއްވީ މިހާރު އަތޮޅު ކައުންސިލްގެ ރައީސް ކަމުގައި ހުންނެވި އިބްރާހިމް ރައޫފްއާ ވާދަކުރައްވައިގެންނެވެ. މިގޮތުން މިހާތަނަށް ގުނި ފޮށިތަކުން ނިމާލު ވަނީ ބޮޑު ތަފާތަކުން ރައޫފްގެ މައްޗަށް ކުރި ހޯއްދަވައިފައެވެ.
ޕީއެންސީގެ އެއް ނައިބު ރައީސްގެ މަގާމުގައި ހުންނެވި ނިމާލްއަކީ ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރެވެ.
އިއްޔެ ބޭއްވި ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މާލޭގެ އިތުރުން ހަތް އަތޮޅެއްގެ 42 ރަށެއްގައި ކުރިއަށް ގެންދިޔައިރު، ޕީޕީއެމް ފަރާތުން ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް އެ ޕާޓީގެ ޓިކެޓް ހޯދުމަށް 1146 މެމްބަރަކު ވާދަކުރިއެވެ. އޭގެ ތެރެއިން 450 ކެންޑިޑޭޓަކަށް ޕްރައިމަރީއަކާއި ނުލައި ޓިކެޓް ވަނީ ކަށަވަރުވެފައިއެވެ.