ޚަބަރު

މިއަހަރުގެ 7 ފެބްރުއަރީގެ ހަނދާންތައް ވެސް ރައީސް ނަޝީދު އާކުރެއްވީ ޅެންބައިތަކުން

އަލީ ޔާމިން

ފެބްރުއަރީ 7، 2012 އަށްފަހު ދިވެހިންގެ ތެރޭގައި މަޝްހޫރުވެގެންދިޔަ ސިޔާސީ ލަވައެއްގެ ބައިތަކުން ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުން އިސްތިއުފާ ދެއްވި ދުވަހުގެ ހަނދާންތައް، ރައީސް މުހައްމަދު ނަޝީދު އާކުރައްވައިފިއެވެ.

ނަޝީދު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ "މަ ޗިސްޗިސް ކޮއްލިޔަސް، މަ ފިސްފިސް ކޮއްލިޔަސް ނެތޭ ވެވޭކަށް ބާޣީއަކަށް," މިހެންނެވެ. އެ ބައިތަކީ އެމްޑީޕީގެ ވެރިކަން ވައްޓާލީ "ބަޣާޥާތަކުން" ކަމަށް ބުނެ އެ އަހަރު އެމްޑީޕީން މާލޭގެ އުސްފަސްގަނޑު ސަރަހައްދުގައި ހިންގި ހަރަކާތްތަކުގެ ތެރެއިން މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު ޝިއުޒް ހުށަހަޅައިދިން ލަވައެއްގެ ބައިތަކެވެ.

ރައީސް ނަޝީދު ވަނީ 2015 ވަނަ އަހަރު ވެސް ފެބްރުއަރީ ހަތެއްގެ ޝުއޫރުތައް މިފަދައިން ފާޅުކުރައްވައިފައެވެ. އެދުވަހު ނަޝީދު ވިދާޅުވީ “އެރޭ ހާދަ ރުއީމޭ، ހަނދާންވޭ އެ މަންޒަރު، ދުށީ ދާދި ކައިރިން، ނިދާލާފައި ވާތީ،” މިހެންނެވެ.

މި ލަވައަކީ 1990 އަހަރުގެ މެދުތެރޭގައި މަޝްހޫރުވި "ހަންހާރަ 1" އަލްބަމަށް މައުސޫމް ޝާކިރު ހައްދަވައި، އުމަރު ޒާހިރު ކިޔާފައިވާ ލަވައެކެވެ. މި ޅެން މައުސޫމް ހައްދަވާފައިވަނީ، އޭނާގެ މަންމަ އާއި ބައްޕަ މާލެ އަށް ވަޑައިގަންނަވަނިކޮށް މާލެ އަތޮޅު މަނިޔަފުށި ފަރުމައްޗަށް ދޯނި ބަންޑުން ޖަހާލައި އޭނާގެ މަންމަ އާއި ބައްޕަ ދުނިޔެ ދޫކުރެއްވި ހިތާމަވެރި ހާދިސާގެ ހަނދާނުގައެވެ.

އެމްޑީޕީގެ ސަރުކާރާ ދެކޮޅަށް އާންމުން ކުރި މުޒާހަރާ ބޮޑުވެ، އެންމެ ފަހުން އެކަމުގެ ތެރެއަށް ފުލުހުންނާއި ސިފައިން ވެސް ވަދެ ހިންގި ހަމަނުޖެހުންތަކަށްފަހު، ރައީސް ނަޝީދު އިސްތިއުފާ ދެއްވީ ފެބްރުއަރީ 7، 2012 ގައެވެ. އެމަނިކުފާނާއި އެމްޑީޕީން އޭރު ވެސް އަދި މިހާރު ވެސް ގަބޫލުކުރަނީ އެއީ ފުލުހުންނާއި ސިފައިން ގެނައި ބަގާވާތެއް ކަމަށެވެ.

އެކަމަކު އެ މައްސަލަ ތަހުގީގުކުރި ރިޔާސީ ކޮމިޝަނުން ނިންމީ، ނަޝީދު އިސްތިއުފާ ދެއްވުމުގައި އެއްވެސް މަޖުބޫރުކަމެއް ނެތް ކަމަށެވެ.