އަލީ ޔާމިން
އިންޑިއާ އިން ރާއްޖެއަށް، އިތުރު ފާސްޓް އިންސްޕެކްޓާ ވެސެލް އެއް ހަދިޔާކުރުމުގެ އުންމީދު ބޮޑު ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
ޑިފެންސް މިނިސްޓަރު މިހާރު އިންޑިއާ އަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި އެގައުމުގެ ނޫހެއް ކަމަށްވާ "ޑަބްލިޔު އައި އޯ އެން" އަށް ދިން އިންޓަވިޔުއެއްގައި ވިދާޅުވީ، އިންޑިއާ އިން އިތުރު ވެސަލްއެއް ރާއްޖެއަށް ހަދިޔާކޮށްދިނުމަށް އެދިފައިވާނެ ކަމަށާއި، ރާއްޖެއަށް ވެސަލްއެއް ހަދިޔާކުރާނެ ކަމުގެ ފެހި ސިގްނަލް އިންޑިއާގެ ސަރުކާރުން ދީފައިވާ ކަމަށެވެ.
އަދި އިންޑިއާގެ އަސްކަރިއްޔާގެ އިސްވެރީންނާ އެކު ކާމިޔާބު ބައްދަލުވުންތަކެއް ކުރިއަށް ގެންދެވުނު ކަމަށާއި، އެ ބައްދަލުވުންތަކުގައި އިންޑިއާއިން ރާއްޖެއަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އިހުނަށް ވުރެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދިނުމާ މެދު މަޝްވަރާ ކުރެވިފައިވާ ކަމަށްވެސް ޑިފެންސް މިނިސްޓަރު ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި އިންޑިއާއިން ރާއްޖެއަށް ވަނީ ފާސްޓް އިންސްޕެކްޓާ ވެސެލް އެއް ހަދިޔާކޮށްފައެވެ. އެ ވެސެލްގެ ނަމަކަށް އެމްއެންޑީއެފުން ދީފައިވާ ނަމަކީ "ކާމިޔާބު" އެވެ.
މީގެ އިތުރުން ޑިފެންސް މިނިސްޓަރު ވަނީ ޗައިނާގެ ވުހާން ސިޓީގައި ތިބި ނުވަ ދިވެހީން އިންޑިއާގެ އެހީގައި އެ ގައުމުގައި ބައިތިއްބައި، ކަރަންޓީން ކޮށްދީފައިވާތީ އެކަމަށް ޑިފެންސް މިނިސްޓަރުގެ ހައިސިއްޔަތުންނާއި އެންމެހާ ދިވެހީންގެ ނަމުގައި އިންޑިއާ ސަރުކާރަށް ޝުކުރު އަދާކޮށްފައެވެ.
އަދި ވަރަށް އަވަހަށް އެމީހުން ރާއްޖެއަށް ގެނެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.