އިބްރާހިމް ޒަކީ
ދެ އޮޕަރޭޝަނެއްގައި އަތުލައި ގަތް 4.2 މިލިޔަން ރުފިޔާ އާއި ނުވަ ކިލޯގެ މަސްތުވާ ތަކެތީގެ މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
މިއަދު ފުލުހުން ބުނީ ހުސްވި ޖެނުއަރީ މަހުގެ 31 ވަނަ ދުވަހާއި، މިމަހުގެ ހަ ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި، މަސްތުވާ ތަކެއްޗާއެކު 1,522,785 (އެއް މިލިޔަން ފަސްލައްކަ ބާވީސްހާސް އަށްޑިހަ ފަހެއް) ރުފިޔާ އާއި 1،73،831 (އެއްލައްކަ ހަތްދިހަ ތިންހާސް އައްސަތޭކަ އެއްތިރީސް) ޔޫއެސް ޑޮލަރު ހޯދާފައިވާ ކަމަށެވެ.
މި ދެ އޮޕަރޭޝަންގައި އަށް މީހުން ހައްޔަރު ކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ޑްރަގް އިންޓެލިޖެންސުން ލިބުނު މައުލޫމާތަކާ ގުޅިގެން ޖެނުއަރީ 31 ވަނަ ދުވަހު ހިން އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން ފަސް ގެއެއް ބަލައި ފާސް ކޮށްފައިވާ ކަމަށެވެ. އަދި މިމަހުގެ ހަ ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން މަލޭގެ ހަތަރު ގެ އަކާއި ސައިކަލެއް ބަލައި ފާސްކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މި އޮޕަރޭޝަންގައި ހައްޔަރު ކޮށްފައިވަނީ ދިވެހި ފިރިހެނުން ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ، އުމުރުން 25 އަހަރުގެ ތިންމީހުންނާއި 37 އަހަރު މީހަކާއި 23 އަހަރުގެ މީހަކާއި 24 އަހަރުގެ މީހަކާއި 27 އަހަރު މީހެއްގެ އިތުރުން 50 އަހަރުގެ މީހެއް ކަމަށްވެސް ފުލުހުން ބުންޏެވެ.
މި ދެ އޮޕަރޭޝަނަކީ ފުޅާ ދާއިރާއެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ތުހުމަތު ކުރެވޭ ނެޓްވޯކެއް އަތުލައި ގަތުމަށް ހިންގި ހާއްސަ ދެ އޮޕަރޭޝަން ކަމަށާއި، މި މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.