ދިވެހިރާއްޖެ ކޮމަންވެލްތުގެ މެމްބަރު ޤައުމަކަށް އަލުން ވުމާ ގުޅިގެން ކޮމަންވެލްތު ސްކޮލާޝިޕްތަކަށް ދިވެހިންނަށް ކުރިމަތިލެވޭ ގޮތް ހަމަޖައްސައިފިއެވެ.
މިކަން މިގޮތަށް ހަމަޖެހިގެން ދިޔައީ، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލެންޑާއެކު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ބޭއްވެވި ބައްދަލުވުމުގައި، ދިވެހި ދަރިވަރުންނަށް ކޮމަންވެލްތު ސްކޮލާޝިޕްތަކަށް ކުރިމަތިލެވޭނެ މަގުފަހިކޮށްދެއްވުމަށް އެދިވަޑައިގަތުމާ ގުޅިގެންނެވެ.
މިނިސްޓަރު ޝާހިދުގެ އެދިވަޑައިގަތުމާ ގުޅިގެން ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ވަނީ އެކަމަށް ތާއީދު ކުރައްވައި، މިއަދުން ފެށިގެން ކޮމަންވެލްތުގެ ސްކޮލާޝިޕްތަކަށް ދިވެހިންނަށް ކުރިމަތިލެވޭނެ ކަމަށް ނިންމަވާފައެވެ.
މި ސްކޮލާޝިޕްތަކަށް ކުރިމަތިލުމާ ބެހޭ މައުލޫމާތު ވަރަށް އަވަހަށް ކޮމަންވެލްތުން ހާމަކުރާނެއެވެ.
ކޮމަންވެލްތުގެ މެމްބަރު ޤައުމަކަށް ދިވެހިރާއްޖެ އަނެއްކާވެސް ވުމާ ގުޅިގެން ކޮމަންވެލްތު ސެކްރެޓޭރިއެޓްގައި އިއްޔެ ދިވެހިރާއްޖޭގެ ދިދަ ވަނީ ނަގާފައެވެ. އަދި މިއަދު ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްއާ މިނިސްޓަރު ޝާހިދު ވަނީ ލަންޑަންގައި ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ކޮމަންވެލްތު ސްކޮލާޝިޕްތަކުގެ އިތުރުން އެހެނިހެން ދާއިރާތަކުން ކޮމަންވެލްތާއި އެކު ދިވެހިރާއްޖެޭން މަސައްކަތްކުރެވިދާނެ ގޮތްތަކާ ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރ ޑރ ފަރަހަނާޒް ފައިސަލްއާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓަރީ، ފޮރިން ރިލޭޝަންސް ސަބްރާ ނޫރައްދީން އާއި، ހައިކޮމިޝަންގެ އިސް އޮފިޝަލުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވެސް ބައިވެރިވެވަޑައިގަތެވެ.
ދިވެހިރާއްޖެ، ކޮމަންވެލްތުގެ 54 ވަނަ ގައުމުގެ ގޮތުގައި އެޖަމާއަތާ އަނެއްކާވެސް ގުޅިފައި ވަނީ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުއެވެ.