އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި، އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، (ޕީޕީއެމް)ގެ ޓިކެޓުގައިި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ އެޕާޓީގެ ޕްރައިމަރީގެ ވޯޓު ލުމުގެ ވަގުތު މިރޭ 8:00 އާ ހަމައަށް އިތުރުކޮށްފިއެވެ.
ޕީޕީއެމްގެ ސެކްރެޓޭރިއެޓްއިން ދެންމެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ސްޕޯކްސް ޕާސަން ހީނާ ވަލީދު ވިދާޅުވީ، ވޯޓު ލުމުގެ ވަގުތު އިތުރުކޮށްފައި ވަނީ ޕީޕީއެމްގެ ދަފްތަރުގައި ތިބި އެންމެންނަށް ވޯޓު ލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކަމަށެވެ.
"އަޅުގަނޑުމެން މި ނިންމީ މިރޭ 8:00 އާ ހަމައަށް ވޯޓުލުމުގެ ވަގުތު މާލެ އާއި އަތޮޅުތެރޭގެ ހުރިހާ ރަށަކަށް އިތުރުކުރުމަށް. މި ނިންމުން މި ނިންމީ ވޯޓުލުމުގެ ފުރުސަތު ދަފްތަރުގައި ތިބި އެންމެހާ ފަރާތްތަކަށް ފަހިކޮށްދިނުމަށް" ހީނާ ވިދާޅުވިއެވެ.
ޕީޕީއެމްއިން ރޭ ބުނީ އެ ޕާޓީގެ ވޯޓުލުން ކުރިއަށްދާނީ 2:30 އިން ފެށިގެން ހަވީރު 6:00 އަށް ކަމަށެވެ. ހީނާ ވިދާޅުވީ، ވޯޓުލުން 8:00 ގައި ބަންދުކުރުމަށް ފަހު އެއް ގަޑިއިރު ފަހުން ވޯޓު ގުނަން ފެށާނެ ކަމަށެވެ.
ޕީޕީއެމްގެ ޕްރައިމަރީގައި ވޯޓުލުން ކުރިއަށްދަނީ ދެސިޓީ ކައުންސިލާއި 65 ރަށު ކައުންސިލަށެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމުން ބުނީ އެޕާޓީގެ އެތެރޭގެ އިންތިހާބު ވީހާވެސް އޮމާންކަމާއި ސުލްހަވެރިކަމާއެކު ކުރިއަށް ގެންދިއުމަށް ޕާޓީގެ މެންބަރުންނާއި، އޮފިޝަލުންގެ އިތުރުން މަންދޫބުންނަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި މިއީ މިހާރު ގައުމު އޮތް ހާލަތުން އަރައިގަތުމަށް ޕީޕީއެމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށްވެސް އެޕާޓީން ބުނެއެވެ.