ޚަބަރު

ގަލޮޅު މެދު ދާއިރާ އާއި ގއ. އަތޮޅު ދާއިރާތަކުގެ އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް އެބަދޭ

މަރިޔަމް ޝަހުދާ

ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުން ހޮވުމުގެ ގޮތުން ގަލޮޅު މެދު ދާއިރާ އާއި ގއ އަތޮޅުގެ އެކި ދާއިރާތަކުގެ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް އެބަދެއެވެ.

މިދާއިރާތަކުގެ ވޯޓުލުން ފަށާފައި ވަނީ މިއަދު މެދުރު ފަހު 2:30ގައެވެ. އަދި މިއަދު 7:30އާ ހަމައަށް ވޯޓުލުން ކުރިއަށް ދާނެ ކަމަށް އެމްޑީޕީ އިންބުނެއެވެ.

ގަލޮޅު މެދު އަދި ގއ.ވިލިނގިލި ފިޔަވައި އެއަތޮޅުގެ އެހެން ހުރިހާ ރަށެއްގެ ވޯޓުލުން ކުރިއަށް ދަނީ އިސްކަންދަރު ސްކޫލުގައި ކަމަށް އެމްޑީޕީން ބުންޏެވެ. އަދި އެމްޑީޕީ ހަރުގޭގައި ގއ.ވިލިނގިލީގެ ވޯޓު ލުން ކުރިއަށްދާ ކަމަށް އެޕާޓީން ބުންޏެއެވެ.

މިއަދު ވޯޓުލުން ކުރިއަށްދާ ދާއިރާ ތަކަކީ މިދިޔަ ހުކުރު ދުވަހު ބޭއްވި އެމްޑީޕީ ޕްރައިމަރީގައި، ވޯޓު އެއްވަރުވި ދާއިރާތަކާއި ޝަކުވާބަލާ ކޮމެޓީއަށް ހުށަހެޅި މައްސަލަތައް ބެލުމަށްފަހު އަލުން އިންތިހާބު ބާއްވަން ފެންނަކަމަށް އެކޮމެޓީން ނިންމާފައިވާ ދާއިރާތަަށް ކަމަށް އެމްޑީޕީ އިން ބުންޏެވެ.

މިދިޔަ ހުކުރު ދުވަހު ބޭއްވި އެމްޑީޕީ ގއ. ޕްރައިމަރީ ބާތިލް ކުރުމާއެކު އެ އަތޮޅުގެ ބައެއް ރަށްތަކުގައި ވޯޓު ކަރުދާސްތަކާއި ވޯޓު ފޮށިތައް ނައްތާލުމުގެ ގޮތުން ވަނީ އަންދާލައިފައެވެ.

އެކަމާ ގުޅިގެން އެމްޑީޕީއަށް ފާޑު ކިޔުން އަމާޒުވެފައިވާއިރު، އެޕާޓީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އެކަމުގައި ގޯހެއް ނެތް ކަމަށާއި އެއީ މެމްބަރުން ޖޯޝުގައި ކުރައްވާ ކަންކަން ކަމަށެވެ.