އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި، އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، (ޕީޕީއެމް)ގެ ޓިކެޓުގައިި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ އެޕާޓީގެ ޕްރައިމަރީގެ ވޯޓުލުން ފަށައިފިއެވެ.
މާލޭގައި ދަރުބާރުގޭގައި އަދި އަތޮޅުތެރޭގައި އެރަށެއްގެ ފޯކަލް ޕޮއިންޓުން ކަނޑައަޅާ ތަނެއްގައި މިއަދު ވޯޓުލާންފެށީ މެންދުރުން އަނބުރާ 2:30 ގައެވެ. އަދި މިއަދު އިރުއޮއްސި 6:00 އާ ހަމައަށް ވޯޓު ލުން ކުރިއަށް ދާނެ ކަމަށް ޕީޕީއެމް އިން މައުލޫމަތު ދެއެވެ.
ޕީޕީއެމްގެ ސްޕޯކްސް ޕާސަން ހީނާ ވަލީދު "ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ދެންމެ ވިދާޅުވީ، ވޯޓުލުން ކުރިއަށްދަނީ ހަތް އަތޮޅެއްގައި ކަމަށެވެ. އެއީ ދެސިޓީ ކައުންސިލާއި 65 ރަށު ކައުންސިލަށް ކަމަށްވެސް ވިދާޅުވިއެވެ.
މިއަދު ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން 6:00 ގައި ނިމުމުން ވޯޓު ގުނާނީ ވޯޓު ފޮށި ބަންދު ކުރާތާ އެއްގަޑިއިރު ފަހުން ކަމަށް ޕީޕީއެމް އިން ބުނެއެވެ.
އަދި ކޮންމެ ތަނަކުންވެސް ވޯޓު ގުނައި ވަގުތުން ވަގުތީ ނަތީޖާ އިއުލާން ކުރާނެ ކަމަށްވެސް ހީނާ ވިދާޅުވިއެވެ.
ހީނާ ވިދާޅުވީ ޕްރައިމަރީގެ ދައިމީ ނަތީޖާ އިއުލާން ކުރާނެ ވަގުތެއް ފަހުން އިއުލާން ކުރައްވާނެ ކަމަށެވެ.
މީގެ އިތުރުން ކޮންމެ ވޯޓު ފޮއްޓެއްގައި ވެސް ތިން އޮފިށޝަލުން ހަރަކާތްތެރިވާނެ ކަމަށާއި ކޮންމެ ކެންޑިޑޭޓެއްގެ ފަރާތުން ވެސް ހަރަކާތްތެރިވެވޭނީ އެއް މަންދޫބަށް ކަމަށް ޕީޕީއެމް އިން ބުނެއެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމުން ބުނީ އެޕާޓީގެ އެތެރޭގެ އިންތިހާބު ވީހާވެސް އޮމާންކަމާއި ސުލްހަވެރިކަމާއެކު ކުރިއަށް ގެންދިއުމަށް ޕާޓީގެ މެންބަރުންނާއި، އޮފިޝަލުންގެ އިތުރުން މަންދޫބުންނަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި މިއީ މިހާރު ގައުމު އޮތް ހާލަތުން އަރައިގަތުމަށް ޕީޕީއެމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށްވެސް އެޕާޓީން ބުނެއެވެ.