ޚަބަރު

ނުރައްކާތެރި ބަލިތައް ފެތުރެނީ މާތް ﷲ ކަނޑައަޅުއްވާފައިވާ ނިޒާމުން އެއްކިބާވެ، ހައްދު ފަހަނައަޅައި ދިއުމުން: ހުތުބާ

އިބްރާހިމް ޒަކީ

އިންސާނުންގެ ތެރޭގައި ނުރައްކާތެރި ބަލިތައް ފެތުރެނީ އެބައި މީހުން އަމިއްލަ އަށް ކޮށްފައިވާ ކަންކަމުގެ ސަބަބުން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނެފައިވަނީ، އެކަމަކީ ފިތުރީ ގޮތުން ހާލިގުވަންތަ މާތް ﷲ ކަނޑައަޅުއްވާފައިވާ ނިޒާމުން އެއްކިބާވެ، ހައްދު ފަހަނައަޅައި ދިއުމުގެ ނަތީޖާ ކަމަށެވެ.

"އަދުގެ ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ބަލިތައް އިންސާނުގެ ތެރޭގައި ފެތުރެނީ، އެބައިމީހުން އަމިއްލައަށް ކޮށްފައިވާ ކަންކަމުގެ ސަބަބުން. ފިތުރީ ގޮތުން ހާލިގު ވަންތަ މާތް ﷲ ކަނޑައަޅުއްވާފައިވާ ނިޒާމުން އެއްކިބާވެ ހައްދު ފަހަނައަޅައި ދިއުމުގެ ނަތީޖާއެއްގެ ގޮތުން. އެފަދަ ހާލަތަކަށް އިންސާނުން ހިންގައްޖެނަމަ، ކުރީގެ އުއްމަތްތަކުގެ މީހުންގެ ތެރެއަށް ފާޅު ނުކުރައްވާ ބަލިމަޑު ކަމާއި ވަބާތައް އެބައެއްގެ ތެރޭގައި ފާޅު ކުރައްވާނެ ކަމުގެ އިންޒާރު ކީރިތި ރަސޫލާ ދެއްވާފައިވޭ،" ހުތުބާގައި ބުުނެފައިވެއެވެ.

މިއަދުގެ ހުތުބާ ބިނާކޮށްފައިވަނީ ''ބަލިތަކުން ރައްކާތެރި ވުމަށްޓަކައި ސަބަބުތަކުގައި ހިފުން'' މި މައުޝޫގެ މައްޗަށެވެ.

މިއަދުގެ ހުތުބާގައި ވަނީ މުޅި ދުނިޔެ މިހާރު ތަހައްމަލު ކުރަމުންދާ ކޮރޯނާ ވައިރަހުގެ މައްޗަށް ހުތުބާގައި ވަނީ އަލި އަޅުވާލައިފައެވެ.

ހުތުބާގައި ބުނެފައިވަނީ، ވަބާ އާއި މުސީބާތަކީ އެކި ސަބަބުތަކަށްޓަކައި މެދުވެރިވާ ކަންކަން ކަމަށާއި، ބައެއް ފަހަރު އުގޫބާތެއްގެ ގޮތުގައި، މެދުވެރިވާއިރު އިމްތިހާނެއްގެ ގޮތުގައި ވެސް މެދުވެރިވާ ކަމަށެވެ. އެއީ ކެއްތެރި މުއުމިން އަޅުތަކުންގެ ނަފްސުތައް ތާހިރުވެ، އެއުރެންގެ ދަރަޖަ އުފުލިގެން ދިއުން ކަމަށްވެސް ބުނެފައިވެއެވެ.

"ކޮންމެ ބައްޔަކަށްވެސް ފަރުވާއެއްވޭ، އެއީ ކިތަންމެ ނުރައްކާތެރި ބައެއްޔެއް ކަމުގައި ވިއަސް މެ. އެހެންކަމުން ބަލި ބަލިން ރައްކާތެރިވެ ފަރުވާ ހޯދުމަށްޓަކައި މަސައްކަތް ކުރުމަކީ އަޅުގަނޑުމެންގެ މައްޗަށް އޮތް ވާޖިބެއް، އަދި އެކަން ވަނީ ފުރިހަމަ މާނާގައި ﷲ އަށް ވަކީލު ކުުރމުގެ ތެެރެއިން،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނެފައިވަނީ، އާއްމު ސިއްހަތާ ބެހޭ އަސާސަކީ ސާފުތާހިރުކަން ކަމަށާއި، އެއީ އިޖްތިމާއީ އެހެން އަގުތައް ފަދަ އަގެއް ކަމަށާއި އަދި ރިވެތި އަދަބެއް ކަމަށެވެ. ކީރިތި ރަސޫލާގެ ޙަދީޘް "ސާފުތާހިރުކަމަކީ އީމާންކަމުގެ ދެބައިކުޅަ އެއްބައެވެ.'' މި ހަދީސަށް ރިޔާއަތްކޮށް ހުތުބާގައި ބުނީ، އިސްލާމްދީނުގައި ޝަރްޢު ކުރައްވާފައިވާ ފަސް ނަމާދަށްޓަކައި ކުރާ ވުޟޫއާއި ވާޖިބު ހިނެއުންތަކާއި ސުންނަތް ހިނެއުންތަކުގެ އަމާޒަކީވެސް ހަމަ ސާފުތާހިރުކަން ކަމަށެވެ.

ހުތުބާގައި ބުނެފައިވަނީ ވަނީ މިއަދު ފަތުއަޑުކިޔާފައި އެންމެ ގަދަޔަށް ފެތުރެމުންދާ ވާހަކައަކީ ނުރައްކާތެރި ވަބާއެއް އެއް ބައްރުން އަނެއް ބައްރު ކަޑައްތުކޮށްވަރަށް ހަލުއި މިނުގައި ފެތުރެމުންދާ ވާހަކަ ކަމަށެވެ.

އަދި މީސްމީޑިއާގެ ވަސީލަތްތަކާއި މަޖިލިސްތަކުގައި ތަފާތު އެކި ގޮތްގޮތަށް ދެކެވެމުންދަނީ އެ ''ހިމޭން ޤާތިލުގެ'' ވާހަކަތައް ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

އެއްބަޔަކު އެކަމަށް އެކަށީގެންވާ ސަމާލުކަން ނުދީ، މިކަމަކީ އާދައިގެ ކަމެއްކަމުގައި ދެކެމުންދާ ހިނދު، އަނެއް ބަޔަކު މަޝްއޫލުވެފައި ވަނީ މިކަމާ ގުޅިގެން ދޮގު ހަބަރު ފެތުރުމުގައި ކަމަށްވެސް ބުނެފައިވެއެވެ.

ހަގީގަތް ނުބަލައި އަވަސް އަރުވާލައިގެން ހަބަރުތައް ފެތުރުމުގެ ނުބައިކަމުން ދުރުހެލިވާން ހުތުބާގައި ވަނީ އިލްތިމާސް ކޮށްފައެވެ.

ހުތުބާގައި ބުނެފައިވަނީ އެންމެ ބޮޑު ދެ ނިއުމަތް ކަމަށްވާ ސިއްހަތާއި ހުސްވަގުތަށް ފަރުވާ ކުޑަކުރުމުގެ ނަތީޖާއެއްގެ ގޮތުން އަޅުގަނޑުމެން ހިތާމަކުރަންޖެހޭ މިންވަރަށް ގައުމުގައި އެކިއެކި ބަލިތައް ތަހައްމަލްކުރާ މީހުން އެބަ ތިބި ކަމަށެވެ.