ޚަބަރު

ޕީޕީއެމްގެ އެތެރޭގެ ޑިމޮކްރަސީ ވަރުގަދަވެ ހަރުދަނާ ވަމުންދާކަން މިއަދު ފާހަގަ ވާނެ: އާދަމް ޝަރީފު

މަރިޔަމް ޝަހުދާ

ޕީޕީއެމްގެ އެތެރޭގެ ޑިމޮކްރަސީ ވަރުގަދަވެ ހަރުދަނާ ވަމުންދާކަން މިއަދު ފާހަގަ ވާނެ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލިހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.

އާދަމް ޝަރީފު މިހެން ވިދާޅުވީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ 2020 އަދި ލޯކަލް ކައުންސިލް އިންތިހާބު 2020 ގައި ޕީޕީއެމްގެ ޓިކެޓުގަިއ ވާކުރާ ފަރާތްތައް އިންތިހާބުކުރަން މިއަދު އެ ޕާޓީއިން ބާއްވާ ޕްރައިމަރީ އާއި ގުޅޭގޮތުން ކުރެއްވި ޓުވީޓެއްގައެވެ.

މިއަދަކީ ޕީޕީއެމްގެ ހަޔާތުގައި ހާއްސަ ދުވަހެއްކަން އާދަމް ޝަރީފު ފާހަގަ ކުރެއްވިއެވެ. އަދި އެ ޕާޓީން އެއްވެސް މެމްބަރަކަށް "ތަބަކަށް ލާފަ" ޕްރައިމަރީގެ ޓިކެޓު ނުދޭ ކަމަށް އާދަމް ޝަރީފު ވިދާޅުވިއެވެ.

އާދަމް ޝަރީފު ވަނީ މިއަދު ޕީޕީއެމްގެ ޕްރައިމަރީގައި ބައިވެރިވާ ހުރިހާ ކެންޑިޑޭޓުންނަށް ފުރިހަމަ ކާމިޔާބީއަކަށް އެދޭ ކަމަށް ވިދާޅުވެފައެވެ.

ޕީޕީއެމްއިން މިއަދު ޕްރައިމަރީ ބާއްވާ އިރު، ސަރުކާރުގެ މައި ޕާޓީ އެމްޑީޕީ އިން ވަނީ އެ ޕާޓީގެ ބައެއް ދާއިރާތަކުގެ ޕްރައިމަރީ ނިންމައި، ކާމިޔާބުވި ކެންޑިޑޭޓުންނަށް ޓިކެޓު ހަވާލުކޮށްފައެވެ. މީގެ އިތުރުން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ވެސް ވަނީ އެޕާޓީގެ ޕްރައިމަރީ މިމަހު 12ގައި ބޭއްވުމަށް ނިންމައިފައެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ 2020 އަދި ލޯކަލް ކައުންސިލް އިންތިހާބު 2020ގެ އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އޭޕްރީލް މަހު ހަތަރު ވަނަ ދުވަހުއެވެ.