ޚަބަރު

ފެއިލް ވެފައި ވަނީ ވަކި މީހެއްނޫން، ފެއިލް ވެފައި ވަނީ ސިސްޓަމް: އަފްޝަން

މަރިޔަމް ޝަހުދާ

ފެއިލް ވެފައި ވަނީ ވަކި މީހެއްނޫން ކަމަށާއި، ނަމަވެސް ފެއިލް ވެފައި ވަނީ ސިސްޓަމް ކަމަށް އެމްޑީޕީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފު ވިދާޅުވެއްޖެއެވެ.

އަފްޝަން މިހެން ވިދާޅުވީ ޖެންޑާ މިނިސްޓަރުގެ މަގާމުގައި ހުންނެވި ޝިދާތާ ޝަރީފު އިސްތިއުފާ ދެއްވުމުން، އެ މަގާމަށް މީގެ ކުރިންވެސް ޖެންޑާ މިނިސްޓްރީގެ މިނިސްޓަރުކަން އަދާ ކުރެއްވި އައިޝަތު މުހައްމަދު ދީދީ އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމެވުމާއި ގުޅިގެން ކުރި ޓުވީޓެއްގައެވެ.

މިނިސްޓަރު ބަދަލު ކުރުމުން ކޮންމެހެން ބޭނުންވާ ހުރިހާ ބަދަލުތަކެއް ނާންނާނެކަން ގަބޫލު ކުރާ ކަމަށް އަފްޝަން މި ޓުވީޓުގައި ވިދާޅުވިއެވެ. އަދި މިނިސްޓަރުގެ މަގާމަށް އައްޔަންކުރަން ނިންމެވި އައިޝާ އަކީ އެ މިނިސްޓްރީއަށް އެކަށޭނެ ބަދަލުތަކެއް ގެންނާނެ ފަރާތެއް ކަމަށް އުއްމީދު ކުރައްވާ ކަމަށް އަފްޝަން ވިދާޅުވިއެވެ. އަދި ކަމާބެހޭ ފަރާތްތަކުން އެކަމަނާއަށް އެއްބާރުލުން ދެއްވާނެ ކަމަށްވެސް އުއްމީދު ކުރައްވާ ކަމަށް އަފްޝަން ވިދާޅުވިއެވެ.

އަފްޝަން ވިދާޅުވީ ކަންކަން ހިނގަމުން އަންނަ ގޮތުން ހުރިހާ ކަމެއްގެ ޒިންމާ ކުރީގެ މިނިސްޓަރު ކަމަށްވާ ޝިދާތާ ގެ ބޮލުގައި އެޅުވެން ނެތް ކަމަށެވެ. ސަބަބަކީ ކޮންމެ މީހަކު މިނިސްޓަރުގެ މަގާމުގައި ހުންނެވި ނަމަވެސް، ބޭނުމަަށް ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދެވެން އޮތީ ހަރުދަނާ، ރަނގަޅު ސިޔާސަތު ތަކެއް ގާއިމު ކުރެވިގެންކަން އަފްޝަން ފާހަގަ ކުރެއްވި އެވެ.

އަފްޝަން ވިދާޅުވީ އެކި ފަހަރު މަތިން ސޯޝަލް ދާއިރާގެެ ބަޖެޓު އިތުރު ކުރުމުގެެ ވާހަކަ ދެއްކިއްޖެ ކަމަށާއި، ރައްކާތެރިކަން ބޭނުންވާ އެންމެނަށް ރައްކާތެރިކަން ފޯރުކޮށް ދިނުމަކީ ކަމާބެހޭ އިދާރާތަކުގެ އެންމެ މުހިއްމު އަމާޒުކަމަށް ހަދަންޖެހޭ ކަމަށެވެ.

މިނިސްޓަރު ޝިދާތާ އިއްޔެ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާ ރިޕޯޓު ކުރުން ގިނަވެ، ފިޔަވަޅު އެޅޭލެއް ލަސްވާ ކަމަށްބުނެ އާންމުން އެކަމަށް ގޮވާލާފައި ވަނިކޮށް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ކުރިއަށްގެންދި ކުއްލި މައްސަލައެއްގައިވެސް، ޝިދާތާގެ އިއްތިއުފާއަށް އެ މަޖިލީހުގެ މެންބަރުން ވެސް ގޮވާލައްވާފައި ވަނިކޮށެވެ.