އަލީ ޔާމިން
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު އިސްތިއުފާދެއްވުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންއިން ގޮވާލައިފިއެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން ރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ދިވެހި ފުލުހުންގެ އަގު ވައްޓާލައި ދިވެހި ފުލުހުންގެ ޕްރޮފެޝަނަލް މިންގަނޑުން ބޭރުން، ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކުރުމަށް ހޯމް މިނިސްޓަރު އިމްރާމް އަބްދުﷲ ކުރަމުން ގެންދާ ޣައިރު ގާނޫނީ އަމުރުތައް އެ ކޯލިޝަންގެ ފަރާތުން ކުށްވެރިކުރާ ކަމަށެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއާއި ހިލާފަށް ހޯމް މިނިސްޓަރު ކުރަމުންގެންދާ އަމުރުތަކަށް ތަބާވެ އެކަންކަން ތަންފީޒުކުރުމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރައްވަމުން ގެންދާ މަސައްކަތްތައްވެސް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ޕްރޮގްރެސިވް ކޯލިޝަނުން ބުނެފައިވެއެވެ.
މީގެ އިތުރުން އިދިކޮޅު ކޯލިޝަނުން ބުނީ ކޮންމެ ހާލަތެއްގައިވެސް މީހަކު ހައްޔަރުކޮށް އެއްވެސް މީހަކާމެދު ފިޔަވަޅެއް އެޅިނަމަވެސް، އެމީހުންނަށް ގޯނާކޮށް ގެއްލުންދީ އިންސާނީ ކަރާމާތްތައް ގެއްލޭފަދަ އަމަލުތައް ހިންގުމަކީ ފުލުހުންގެ އަހުލާގީ މިންގަނޑުގެ ބޭރުން ކުރެވޭ ކަމެއް ކަމުގައި އެ ކޯލިޝަނުން ދެކޭ ކަމަށާއި، އެހެންކަމުން ފުލުހުންގެ އަގު ވައްޓާލުމަށްޓަކައި ހޯމް މިނިސްޓަރު އަދި ސީޕީ ހަމީދު ކުރައްވަމުން ގެންދަވާ މުޑުދާރު އަމަލުތަކާއި ފުލުހުންގެ އަހުލާގީ މިންގަނޑު ހިފެހެއްޓުމަށް ފުލުހުން ނުކުޅެދިފައިވާތީ އެ ދެބޭފުޅުންވެސް މަގާމުން ވަގުތުން އިސްތިއުފާ ދެއްވުމަށް ގޮވާލާ ކަމަށެވެ.
ފުލުހުންނަށް ކުރަމުންގެންދާ ޣައިރު ގާނޫނީ އަމަލުތަކަށް ތަބާ ނުވުމަށްވެސް ފުލުހުންނަށް ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ގޮވާލައިފައެވެ.