ޚަބަރު

ޕީޕީއެމްގެ ޕްރައިމަރީ މާދަމާ މެންދުރު ފަހު

އަންނަ އޭޕްރީލް މަހުގެ ހަވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ޕްރޮގްރެސިވް ޕާީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ޓިކެޓުގައިި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ އެޕާޓީގެ ޕްރައިމަރީ މާދަމާ އޮންނާނެ ކަމަށް އެޕާޓީން ހާމަކޮށްފިއެވެ.

ޕީޕީއެމްގެ ޕްރައިމަރީއާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް އެޕާޓީގެ އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، އެޕާޓީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ކުރިއަށް ދާނީ މާދަމާ މެންދުރުފަހު 2:30 އިން ހަވީރު 6:00ގެ ނިޔަލަށް ކަމަށެވެ. އަދި މާލޭގައި ވޯޓުލުން ކުރިއަށްދާނީ ދަރުބާރުގޭގައި ކަމަށާއި އަތޮޅުތެރޭގައި ވޯޓުލުން ކުރިއަށްދާނީ އެރަށެއްގެ ފޯކަލް ޕޮއިންޓް ކަނޑައަޅާ ތަނެއްގައި ކަމަށް ހީނާ ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ އިންތިހާބީ ކަންކަމާ ހަވާލުވެ ހުންނެވި މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ، ހަވީރު 6:00ގައި ވޯޓުލުން ބަންދުކުރުމަށްފަހު އެއް ގަޑިއިރު ތެރޭގައި ވޯޓު ގުނަން ފަށާނެ ކަމަށެވެ. އަދި މަންދޫބުންގެ ފާސް ދަރުބާރުގެއިން ލިބޭނެ ކަމަށާއި އަތޮޅު ތެރޭގައި ނަމަ އެ ފާސް އޮފިސަލުންގެ އަތުން ލިބިގެންދާނެ ކަމަށެވެ.

"ކޮންމެ ވޯޓު ފޮއްޓެއްގައިވެސް ތިން އޮފިސަލުން ހަރަކާތްތެރިވާނެ. ކޮންމެ ކެންޑިޑޭޓެއްގެ ފަރާތުންވެސް ހަރަކާތްތެރިވެވޭނީ އެއް މަންދޫބަށް. މާލޭގައި މަންދޫބުންގެ ފާސް ދަރުބާރުގެއިން ލިބޭނެ. އަދި އަތޮޅުތެރޭގައި ނަމަ އެރަށެއްގައި ހަރަކާތްތެރިވާ އޮފިޝަލުންގެ ފަރާތުން ފާސް ލިބިގެންދާނެ،" މުއާޒް ވިދާޅުވިއެވެ.

މުއާޒް ވިދާޅުވީ، ޕީޕީއެމްގެ ވޯޓު ކަރުދާސް އިލެކްޝަންސް ކޮމިޝަންގެ ކަރުދާހާ ތަފާތުވާނެ ކަމަށާއި އެގޮތުން ނުބައި ގޮޅިއެއްގައި ފާހަގަ ޖެހިއްޖެ ނަމަ މުޅި ވޯޓު ކަރުދާސް ބާތިލުކުރުމުގެ ބަދަލުގައި ބާތިލުވެގެންދާނީ ނުބައި ފާހަގަ ޖެހުނު ކެޓަގަރީ ކަމަށެވެ.

ޕީޕީއެމްއިން ބާއްވާ ޕްރައިމަރީގައި މާލޭގެ އިތުރުން އަތޮޅު ތެރޭގައި ޖުމްލަ 137 ވޯޓު ފޮއްޓެއް ބަހައްޓާނެއެވެ. ވޯޓުލުން ކުރިއަށްދާ ގިނަ ރަށްތަކަށް ވޯޓު ފޮށިތައް ފޮނުވިފައިވާއިރު މާދަމާ ހެނދުނުގެ ވަގުތެއްގައި ބާކީ ހުރި ރަށްތަކަށް ވޯޓު ފޮއްޓާއި އިދާރީ ކަރުދާސްތައް ގެންދެވޭނެ ކަމަށް ޕީޕީއެމުން މައުލޫމާތުދެއެވެ.

ޕީޕީއެމުން ބުނީ އެޕާޓީގެ އެތެރޭގެ އިންތިހާބު ވީހާވެސް އޮމާންކަމާއި ސުލްހަވެރިކަމާއެކު ގެންދިއުމަށް ޕާޓީގެ މެންބަރުންނަށާއި، އޮފިސަލުންގެ އިތުރުން މަންދޫބުންނަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި މިއީ މިހާރު ގައުމު އޮތް ހާލަތުން އަރައިގަތުމަށް ޕީޕީއެމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށްވެސް އެޕާޓީން ބުނެއެވެ.