ދެކުނުގެ ރަށެއްގައި 19 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރި ދޮންބައްޕައަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ތަރުޖަމާނު "ވަން އޮންލައިން"އަށް ވިދާޅުވީ، ފުލުހުންގެ ސައުތު ސެންޓްރަލް ޑިވިޝަންގައި ހިމެނޭ ރަށެއްގައި އުމުރުން 19 އަހަރުގެ އަންހެނަކަށް ބިރުދައްކައިގެން އެކި ދުވަސްމަތިން އޭނާގެ ދޮން ބައްޕަ ޖިންސީ ގޯނާކޮށްފައިވާ މައްސަލައެއް މިއަދު ހުށަހެޅިފައިވާ ކަމަށެވެ.
އެ އަންހެން މީހާއަށް ޖިންސީ ގޯނާކޮށްފައިވަނީ އުމުރުން 56 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށްވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދަނިކޮށް، މިރޭ 7:30 ހާއިރު އެ އަންހެން މީހާގެ ދޮންބައްޕަ ދިރިއުޅެމުން އައި ގެ ކައިރިއަށް މީހުން އެއްވެ ހަމަލާދިނުމުގެ ސަބަބުން އޭނާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތް މަރާލާނެ ކަމަށް ބުނެ އޭނާއަށް އިންޒާރުދީ ހަމަލާދިން މައްސަަލަ ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެއެވެ.
ޖެންޑާ މިނިސްޓްރީން "ވަން"އަށް މައުލޫމާތުދޭގޮތުގައި ޖިންސީ ގޯނާގެ ޝިކާރައަކަށްވި 19 އަހަރުގެ އަންހެން މީހާ މިހާރު ވަނީ އާއިލާގެ ތެރެއިން ރައްކާތެރި މާހައުލަކަށް ބަދަލުކޮށްފައެވެ.