އަލީ ޔާމިން
ކ. މާފުށީގައި މަސްތުގެ ހާލުގައި ނިވާކަން ކުޑަކޮށް އުޅުނު އަންހެން ފަތުރުވެރިޔަކު ހައްޔަރު ކުރުމުގައި ފުލުހުން އަމަލުކޮށްފައިވަނީ ގޯސްކޮށް ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ވިދާޅުވެެއްޖެއެވެ.
ޕޮލިސް ކޮމިޝަނަރު ހަމީދު ދެންމެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަންހެން ފަތުރުވެރިޔަކު ހައްޔަރުކުރުމުގައި ފުލުހުން އަމަލުކުރި ގޮތުން ފަތުރުވެރިޔާގެ ކިބައިންނާއި އާންމުންގެ ކިބައިން މައާފަށް އެދޭ ކަމަށާއި އެ މައްސަލަ ތަހުގީގުކުރާނެ ކަމަށެވެ.
"މާފުށީގައި އަންހެން ފަތުރުވެރިޔާ ހައްޔަރުކުރުމުގައި ފުލުހުން އަމަލުކޮށްފައިވަނީ ގޯސްކޮށް، މި ހާދިސާއާ ގުޅިގެން އެ ފަތުރުވެރިޔާއާއި އާންމު ރައްޔިތުންގެ ކިބައިން މައާފަށް އެެދެން." ކޮމިޝަނަރު ވިދާޅުވިއެވެ.
ފުލުހުން ބުނީ ފަތުރުވެރިޔާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ އޭނާ މަސްތުގެ ހާލަތުގައި ހުރިކަމަށް ތުހުމަތު ކުރެވިގެން ކަމަށާއި ނަމަވެސް މިހާރު އޭނާ ދޫކޮށްލާފައިވާ ކަމަށެވެ.
މިވަގުތު މާފުށީގައި އަންހެން ފުލުހަކު މަސައްކަތް ނުކުރާ ކަމަށާއި މިފަދަ ހާދިސާއެއްގައި މިއަށްވުރެ ރަނގަޅަށް އަމަލުކުރެވިދާނެ ކަމުގައި ފުލުހުންވެސް ދެކެއެވެ. ނިވާކަންކުޑަކޮށް އުޅުނު އަންހެން ފަތުރުވެރިޔާ ހައްޔަރުކޮށްފައިވަނީ ބިޑި އަޅުވައިގެންނެވެ.
މީހުން ދިރިއުޅޭ ރަށްތަކުގައި ހާއްސަކުރެވިފައިވާ ސަރަހައްދުތަކުގައި ނޫނީ ނިވާކަންކުޑަކޮށް އުޅުމަކީ މަނާކަމެވެ.