މަސްތުގެ ހާލުގައި ނިވާކަންކުޑަކޮށް އުޅުނު އަންހެން ފަތުރުވެރިޔަކު ކ. މާފުށިން ހައްޔަރުކޮށްފިއެވެ.
މިއަދު ވަނީ އަންހެން ފަތުރުވެރިޔަކު ބިޑި އަޅުވައިގެން ފުލުހުން ހައްޔަރުކުރާ ވީޑިއޯއެއް މީސްމީޑިއާގައި އާންމުވެފައެވެ. އެ ވީޑިއޯއާ ގުޅިގެން އެތައް ބަޔަކު ދަނީ ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާ ކަމަށް ބުނަމުންނެވެ.
ނަމަވެސް އެކަމުގެ ހަގީގަތް ހާމަކޮށް ފުލުހުން ބުނެފައިވަނީ، ކ. މާފުށީ މަގުމަތީގައި މަސްތުގެ ހާލުގައި ނިވާކަން ކުޑަކޮށް ހުރި އަންހެން ފަތުރުވެރިޔަކު މިއަދު ހަވީރު 17:48 ހާއިރު ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
އޭނާ ހުއްޓުވަން މަސައްކަތްކުރި ވަގުތު ނުކިޔަމަންތެރިކަން ދެއްކުމުގެ ސަބަބުން އޭނާ ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފައިވަނީ ބިޑި އަޅުވައިގެން ކަމަށާއި އެ އަންހެން މީހާ މިރޭ 7:10 ހާއިރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މިވަގުތު މާފުށީގައި މަސައްކަތްކުރާ އަންހެން ފުލުހަކު ނެތް ކަމަށާއި އެފަދަ ހާދިސާއެއްގައި މިއަށްވުރެ ރަނގަޅަށް އަމަލު ކުރެވޭނެ ކަމަށް އެ ސާވިސްއިން ގަބޫލުކުރާ ކަމަށެވެ.
އެ ހާދިސާ ހިނގާދިޔަ ގޮތް ބެލުމަށް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.