ޚަބަރު

ބިދޭސީ ތިން މީހުން ޒަހަމްކޮށްލި މައްސަލައިގައި އިތުރު ބަޔަކު ހައްޔަރުކޮށްފި

އަލީ ޔާމިން

މިދިޔަ އަންގާރަ ދުވަހުގެ ރޭ ހުޅުމާލޭގައި ބިދޭސީ ތިން މީހަކަށް ވަޅިން ހަމަލާދިން މައްސަލައިގައި މިހާތަނަށް ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ފަސް މީހުންނަކީ ވެސް ދިވެހިން ކަމަށެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ މިއީ ހަރުކަށި ފިކުރަށް ނިސްބަތްވާ ބަޔަކު ދީފައިވާ ހަމަލާއެއް ކަމަށް ބުނެފައެވެ. ފުލުހުން މިހެން ބުނެފައިވާއިރު ހަމަލާގެ ޒިންމާ ނަގާ ކަމަށް ބުނާ، ދިވެހީން އަޑު އަޅާފައިވާ ވީޑިއޯއެއް ރޭ އިރާކޮޅު ވަނީ މީސް މީޑިއާގައި އާންމުވެފައެވެ. އެ ވީޑިއޯއަކީ ބޭރުގެ ނިރުބަވެރި ޖަމާއަތެއްގެ ރާއްޖޭގެ ގޮފިން އާންމުކުރި ވީޑިއޯއެއް ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. ނަމަވެސް މިކަން އަދި ކަށަވަރު ކުރެވިފައެއް ނުވެއެވެ.

ފުލުހުން ބުނީ، ހުޅުމާލޭގައި ދިން ހަމަލާގައި ޒަހަމްވި ތިން މީހުންގެ ތެރެއިން އެކަކު ދޫކޮށްލާފައިވާ ކަމަށާއި، އަނެއް ދެމީހުންނަށް އަދިވެސް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ ކަމަށެވެ.

ހުޅުމާލެ ރެޑްބުލް ދަނޑު ކައިރީގައި ތިން މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭ 8:10 ހާއިރުއެވެ. އެމީހުން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އާންމުންގެ އެހީތެރިކަމާއެކުއެވެ.

އެ މާރާމާރީގައި ޒަހަމްކޮށްލާފައިވަނީ ޗައިނާގެ ދެ ފިރިހެނުންނާއި އޮސްޓްރޭލިއާ ފިރިހެނެކެވެ.

ފުލުހުން ބުނީ، މިހާތަނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހުންނަށް ހަމަލާދިނީ ހެލްމެޓް އަޅައިގެން ސައިކަލެއްގައި ދިޔަ ދެ މީހަކު ކަމަށެވެ.