ޚަބަރު

އިމާދުއްދީން ސްކޫލުގެ ޕްރިންސިޕަލް އާއި ޑެޕިއުޓީ ޕްރިންސިޕަލުން ވަޒީފާއިން ވަކިކޮށްފި

އަލީ ޔާމިން

އިމާދުއްދީން ސުކޫލްގެ ޕްރިސިފަލްގެ މަގާމުގައި ހުންނެވި އިބްރާހިމް ޝާތިރާއި، ދެ ޑެޕިއުޓީ ޕްރިންސިޕަލުން މަގާމުތަކުން ވަކިކޮށްފި އެވެ.

"ވަން އޮންލައިން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ސްކޫލުގެ ޕްރިންސިޕަލް އާއި ޑެޕިއުޓީ ޕްރިންސިޕަލުން ވަޒީފާއިން ވަކިކުރީ އިއްޔެގެ ވަގުތެއްގައެވެ.

އަދި އެފަރާތްތައް ވަޒީފާއިން ވަކިކުރީ އެ ސްކޫލުގެ ޓީޗަރުންނާއި ބެލެނިވެރިން ސޮއިކޮށް އެޑިޔުކޭޝަން މިނިސްޓްރީއަށް ޕެޓިޝަނެއް ހުށަހަޅާފައިވާ ދަނޑިވަޅެއްގަ އެވެ.

މަގާމުން ވަކިކޮށްފައިވަނީ އިމާދުއްދީންގެ ޕްރިންސިޕަލްގެ އިތުުރުން ދެ ޑެޕިއުޓީ ޕްރިންސިޕަލުން ކަމަށްވާ ލަތީފާ އަހުމަދު އަދި ޝަކީބާ އަލީއެވެ. މައުލޫމަތު ލިބޭ ގޮތުގައި އެ ބޭފުޅުން މަގާމުން ވަކިކުރުމަށްފަހު އެހެން ސުކޫލަކުން އެ ފެންވަރުގެ ވަޒީފާއެއް ހަމަޖައްސައިދޭނެ ކަމަށް އެޑިއުކޭޝަނުން ވަނީ އަންގާފައެވެ.

އިމާދުއްދީން ސްކޫލުގެ ޓީޗަރަކު ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް "ވަން" އަަށް ބުނީ ސްކޫލުގެ އިސްވެރިންނާއި މެދު ހިތްހަމަ ނުޖެހި، ޓީޗަރުންނާއި ބެލެނިވެރިން ސޮއިކޮށް އެޑިއުކޭޝަން މިނިސްޓްރީއަށް ހުށަހެޅި ބަޔާނާއި ގުޅިގެން މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެރިން ވަނީ އިމާދުއްދީން ސުކޫލްގެ އިސްވެރިންނާ ބައްދަލުކޮށް ސްކޫލްގެ އިސް މަގާމުތަކަށް ބަދަލު ގެނައުމަށް ނިންމާފައިވާކަން އަންގާފައިވާ ކަމަށެވެ.

ސާދަ ސަތޭކަ ތޭރަ ދަރިވަރުން ކިޔަވަމުންދާ އިމާދުއްދީން ސުކޫލްގެ ދެ ޑެޕިއުޓީ ޕްރިންސިޕަލުން ކުއްލި ގޮތަކަށް ވަކިކުރުމުން ސްކޫލުގެ ބައެއް ބެލެނިވެރިން ދަނީ ހިތްހަމަ ނުޖެހުން ފާޅުކުރަމުންނެވެ.