ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ދިވެހީންނާއި މި ގައުމުގައި އުޅޭ ބިދޭސީންގެ ރައްކާތެރިކަން ސަރުކާރުން ކަށަވަރުކުރާނަން: ރައީސް

ދިވެހި ރައްޔިތުންނާއި މި ގައުމުގައި ދިރިއުޅޭ ބިދޭސީންނާއި، މި ގައުމަށް ޒިޔާރަތްކުރާ ފަތުރުވެރީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ސަރުކާރުން ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިދިޔަ އަންގާރަ ދުވަހުގެ ރޭ ހުޅުމާލޭގައި ތިން ބިދޭސީއަކަށް ހަމަލާދިނުމާ ގުޅިގެން ބޭއްވި ނެޝަނަލް ސެކިއުރިޓީ ކައުންސިލް (އެންއެސްސީ) ގެ ކުއްލި ބައްދަލުވުމަކަށްފަހު ސަރުކާރުން ނެރުއްވި ނޫސްބަޔާނެއްގައެވެ.

"އަންގާރަ ދުވަހުގެ ރޭ ހުޅުމާލޭގައި ތިން ބިދޭސީއަކަށް ހަމަލާދީ ހިންގާފައިވާ ފިނޑި ޢަމަލާއި ގުޅިގެން ދަންނަވަމެވެ. ދިވެހި ރައްޔިތުންނާއި، މި ގައުމުގައި ދިރިއުޅޭ ބިދޭސީންނާއި، އަދި މި ގައުމަށް ޒިޔާރަތްކުރާ ފަތުރުވެރީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކަންތަކެވެ. އަދި ދިވެހިރާއްޖޭގެ ސަރަހައްދުގައި މިފަދަ ފިނޑި އަމަލުތައް ހިންގުމަށް މަސައްކަތްކުރާ، އަދި މިފަދަ އަމަލުތައް ހިންގާނެކަމުގެ އިންޒާރުދޭ ފަރާތްތަކާއި ދެކޮޅަށް، ވަގުތުން ވަގުތަށް ފިޔަވަޅު އަޅަމުންދާނެ ކަމުގައިވެސް ދަންނަވަމެވެ..،" ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ސަރުކާރުގެ ބަޔާނުގައި ބުނީ ހުޅުމާލޭގައި ހިންގި އަމަލުގެ ފުރިހަމަ ތަހުގީގެއް ފުލުހުން ހިންގަމުން އަންނަ ކަމަށާއި އެ އަމަލު ހިންގުމުގައި ބައިވެރިވެފައިވާ ކަމަށް ޝައްކުކުރެވޭ ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެފަދަ ހަމަލާތަކާއި، ހަރުކަށި ފިކުރުގެ މިފަދަ އެހެން އަމަލުތަކަކީ ގައުމީ ސަލާމަތަށްހުރި ވަރަށް "ސީރިއަސް" ނުރައްކަލެއްގެ ގޮތުގައި ސަރުކާރުން ދެކޭކަންވެސް ފާހަގަކޮށްފައިވެއެވެ.

"މި ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ، މިފަދަ އަމަލުތަކާ މެދު ފަރުވާތެރިވެ، ޝައްކުކުރެވޭ އެއްވެސް ކަމެއް ފެނިއްޖެނަމަ، ވީ އެންމެ އަވަސް ފުރުސަތެއްގައި އެކަމަކާ ބެހޭ މައުލޫމާތު ކަމާބެހޭ އިދާރާތަކާ ހިއްސާކުރެއްވުމަށް އާންމުންގެ ކިބައިން އެދިވަޑައިގަންނަވައިފައެވެ. އަދި، މިފަދަ ނުރައްކާތެރި އަމަލުތަކާއި، ހަރުކަށި ފިކުރުގެ އެއްވެސް އަމަލަކަށް ދިވެހިރާއްޖެއިން ފުރުސަތު ނުދޭނެކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އަރުވާފައިވެއެވެ. މީގެ އިތުރުން، މިފަދަ ހާދިސާތަކާ ގުޅިގެން ރަސްމީ އިދާރާތަކުން ހާމަކުރާ މައުލޫމާތަށް މެނުވީ ބަރޯސާނުވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ..،" ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެ ހަމަލާގެ ފަހަތުގައިވާ ކަންކަމާއި ޝާމިލުވާ ފަރާތްތައް ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުމަށް، ފުލުހުން ކުރިއަށްގެންދާ ތަހުގީގުގެ ކަންތައްތައް ސަރުކާރުން ވަރަށް ގާތުން ބަލަމުން ގެންދާނެ ކަމަށެވެ.