ޚަބަރު

ހިމަބިހިން ރައްކާތެރިވުމަށް ޔުނިސެފުން ދެލައްކަ ވެކްސިން ޑޯޒު ހަދިޔާކޮށްފި

އަހުމަދު ވަޖީފު

ހިމަބިހިން ރައްކާތެރިވުމަށް ދެލައްކަ ވެކްސިން ޑޯޒު ޔުނިސެފުން ރާއްޖެއަށް ހަދިޔާކޮށްފިއެވެ.

ޔުނިސެފުން ހަދިޔާކުރި ދެލައްކަ ވެކްސިން ޑޯޒް ހަވާލުކުރިކަން ފާހަގަކުރުމުގެ ރަސްމިއްޔާތު ހެލްތު މިނިސްޓްރީގައި ބޭއްވީ މިއަދު ހަވީރުއެވެ. މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގައި އިތުރަށް ހިމަބިހި ފެތުރުނަ ނުދިނުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، މިހާރު ފަށާފައިވާ ސަޕްލިމެންޓަރީ ވެކްސިން ދިނުމުގެ ޕްރޮގްރާމަށް ބޭނުންވާ ވެކްސިންއާއި ކޮންސިއުމަބަލްސް ހޯދުމުގައި ޔުނިސެފުން އެހީތެރިކަން ފޯރުކޮށްދީފިއިވާތީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ ޔުނިސެފްއަށް ޝުކުރު އަދާކުރައްވައިފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަމީން ވިދާޅުވީ ޔުނިސެފުން ހަދިޔާކުރި ދެލައްކަ ވެކްސިން ޑޯޒްގެ ސަބުނުން އެ މިނިސްޓްރީން ކުރިއަށްގެންދާ ވެކްސިން ކެމްޕޭނަށް ބޮޑު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި އެ ބައްޔަށް ވެކްސިން ދިނުމަށް ތައްޔާރުކުރި ޑާޓާ ބޭސްގެ މަސައްކަތް ނިމިފައިވާ ކަމަށާއި ކުރިއަށްއޮތް ތިން މަސްދުވަހުގެ ތެރޭގައި ކެމްޕޭން ހަރަކާތް ފަށާނެ ކަމަށް އަމީން ވިދާޅުވިއެވެ. އަދި އިތުރަށް ޑާޓާބެސް ފުރިހަމަ ކުރުމުގެ މަސައްކަތްކުރައްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ހިމަބިއްސަކީ ކުރިން ރާއްޖޭން ނައްތާލެވިފައިވާ ބައްޔެއް ކަމަަށާއި ނަމަވެސް މިދިޔަ މަހު އެ ބަލި ހުރިކަމަށް ސައްކުކުރެވިގެން 159 ފަރާތެއް ޓެސްޓު ކުރެވިފައިވާ ކަމަށެވެ. އެގޮތުން އެ ބައްޔަށް ޕޮސިޓީވްވެފައިވަނީ އަށް ފަރާތެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެހެންކަމުން މި އަލާމާތްތައް ފެންނަން ފެށި ހިސާބުން ހިންގި ވެކްސިން ޕްރޮގްރާމުތަކުގައި 6000 ފަރާތަކަށް ވެކްސިން ދީފައިވާނެ ކަމަށާއި މިދިޔަ މަހު 28 ގެ ފަހުން އެ ބައްޔަށް އެއްވެސް ފަރާތެއް ޕޮޒިޓިވްވެފައި ނުވާކަމަށް އަމީން ވިދާޅުވިއެވެ.

ޔުނިސެފްގެ އެހީގައި ހޯދާފައިވާ ވެކްސިނާއެކު ދަތިކަމެއް ނެތި ފަންނީ ލަފާގެ މަތިން އިސްކަންދެވޭ ފަރާތްތަކަށް ވެކްސިން ދިނުމާއި މިހާރު ކުރިއަށްގެންދާ ސަޕްލިމެންޓަރީ ވެކްސިން ދިނުމުގެ ކަންކަން ކުރިއަށްގެންދެވޭނެއެވެ. ރާއްޖެއިން ހިމަބިހި ފެނުމާ ގުޅިގެން މިހާރު ކުރިއަށްގެންދެވޭ މަސައްކަތްތަކުގެ ތެރޭގައި، ހިމަބިއްސަށް ޕޮޒިޓިވްވި ފަރާތްތަކުގެ ފަރާތުން ބަލި އަރާފާނެ ފަރާތްތައް ދެނެގަނެ، މައުލޫމާތު ދިނުމާއި، ވެކްސިން ފުރިހަމަ ނުވާ ފަރާތްތަކަށް ވެކްސިން ދިނުމާއި، 18 އަހަރުން ދަށުގެ ކުދިންގެ ތެރެއިން މާލެއާއި އަތޮޅުތެރޭގައި މީސްލްސް ވެކްސިން ޑޯޒްތައް ހަމަނުވާ ކުދިންނަށް ވެކްސިން ދީ ހަމަކުރުމާއި، ޢުމުރުން 6 މަހާއި 18 މަހާ ދެމެދުގެ ތުއްތު ކުދިންނަށް އެމްއާރު ވެކްސިންގެ އިތުރު ޑޯޒްއެއް ދިނުމާއި ވެކްސިންދިނުމުގެ މުހިންމު ކަމާގުޅޭ މައުލޫމާތުދިނުމުގެ ކޮމިއުނިކޭޝަން ކެމްޕޭނެއް މި މަސްތެރޭގައި ފެށުމާއި އަދި މުޅި އާބާދީއަށް އަމާޒުކޮށް (ބިދޭސީން ހިމެނޭގޮތަށް) އެމްއާރު ވެކްސިން ދިނުމުގެ ކެމްޕޭނެއް ހިންގާނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.