ޚަބަރު

ސައުތުއަރި މެރިން ޕާކު ސަރަހައްދުގައި ރޭގަނޑު ލައިޓު ދިއްލައިގެން ފެހުރިހި ބެލުމަކީ މަނާކަމެއް: އީޕީއޭ

މަރިޔަމް ޝަހުދާ

1

ސައުތުއަރި މެރިން ޕާކު ސަރަހައްދުގައި ރޭގަނޑު ލައިޓު ދިއްލައިގެން ފެހުރިހި ބެލުމަކީ މަނާކަމެއް ކަމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.

އީޕީއޭ އިން މިއަދު ކުރި އިއުލާނެއްގައި ވަނީ ސައުތުއަރި މެރިން ޕާކު ސަރަހައްދުގެ ގޮތުގައި ކަނޑައަޅާފައިވާ އަރިއަތޮޅު ދެކުނުބުރި ރަންގަލީ ފަރުގެ ހުޅަނގު އުތުރު ކަނުން ފެށިގެން ދިގުރަށުގެ ފަރުގެ އުތުރު ކަނާ ދޭތެރޭގައިވާ ރަށްތަކުގެ ފަރުގެ ބޭރު ތޮށިން ފެށިގެން އެއް މީޓަރު ސަރަހައްދަކީ ޖޫން 5، 2009 އިން ފެށިގެން ހިމާޔަތް ކުރެވިފައިވާ ސަރަހައްދެއްކަން ފާހަގަކޮށްފައެވެ.

ގާނޫނީ ގޮތުން 2009 ވަނަ އަހަރު އެ ސަރަހައްދު ހިމާޔަތް ކުރި ނަމަވެސް އެ ސަރަހައްދު، ސައުތުއަރި މެރިން ޕާކު ސަރަހައްދުގެ ގޮތުގައި ކަނޑައަޅާފައިވަނީ މިދިޔަ އަހަރުގެ ޖުލައި 11 ގައެވެ. އަދި އެ ސަރަހައްދު ރައްކާތެރިކޮށް ދެމެހެއްޓުމަށް މެނޭޖްމަންޓް ޕްލޭނެއް އެކުލަވާލައި، އެ ޕްލޭންގެ ދަށުން ވަކި ގަވައިދެއް އެކުލަވާލައި އާންމުކޮށްފައިވާކަން އީޕީއޭ އިން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އެ ގަވައިދުގެ ދަށުން އަހަރުގެ ހުރިހާ ދުވަސް ވަރެއްގައިވެސް އެ ސަރަހައްދުން ފެހުރިހި ފެންނަ ސައުތުއަރި މެރިން ޕާކު ސަރަހައްދުގައި އުޅަނދުތަކަށް ހަރަކާތްތެރިވުމުގެ ހުއްދަދީފައިވަނީ ހެނދުނު 6:00 އިން އިރުއޮއްސި 6:00 އަށެވެ. ނަމަވެސް އެގޮތަށް އަމަލުކުރަމުން ނުދާ ކަމަށާއި އިރުއޮއްސި 6:00ގެ ފަހުންވެސް ދިއްލައިގެން ފެހުރިހި ބަލަމުންދާ ކަމުގެ ޝަކުވާ އެ އޭޖެންސީއަށް ލިބިފައިވާ ކަމަށް އީޕީއޭ އިން ބުނެއެވެ.

އީޕީއޭ އިން ވަނީ މިގޮތަށް ކަންތައް ކުރުމަކީ މަނާކަމެއްކަން އަންގައި އިއުލާނުކޮށްފައެވެ. އަދި އެފަދައިން ކަން ކުރާ ފަރާތްތަކާ މެދު އެ އެޖެންސީން ފިޔަވަޅު އަޅާނެ ކަމަށް އީޕީއޭ އިން ބުނެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟