ޚަބަރު

އެކަށީގެންވާ ވަސީލަތް ނެތި ޖެންޑާ މިނިސްޓްރީ ނުހިންގޭނެ: އަނީސާ

އައިދާ އަބްދުލް ހަކީމް

ޖެންޑާ މިނިސްޓްރީގެ މެންޑޭޓު މާ ބޮޑު ކަމަށާއި އެކަށީގެންވާ ފަންނީ ވަސީލަތްތައް ނެތި އެ މިނިސްޓްރީ ނުހިންގޭނެ ކަމަށް ކުރީގެ ޖެންޑާ މިނިސްޓަރު އަނީސާ އަހުމަދު މިއަދު ވިދާޅުވެއްޖެއެވެ.

ފާޑުކިޔުންތައް އަމާޒުވެ ޖެންޑާ މިނިސްޓަރުކަމުން އެމަގާމުގައި ހުންނެވި ޝިދާތާ ޝަރީފު މިއަދު އިސްތިއުފާ ދެއްވުމުން އެ މަގާމަށް، ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ޖެންޑާ މިނިސްޓަރުކަން ކުރެއްވި އަދި މިހާރު އިންޑިއާގައި ހުންނަވާ ދިވެހި ސަފީރު އާއިޝަތު މުހައްމަދު ދީދީ ވަނީ އައްޔަންކުރައްވައިފައެވެ.

އެކަމާ ގުޅޭގޮތުން، ކުރީގެ ޖެންޑާ މިނިސްޓަރު އަދި އަންހެނުންގެ ހައްގުތަކަށް ވަކާލާތު ކުރައްވަމުން އަންނަ އަނީސާ އަހުމަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކުޑަކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނާއި މަސްތުވާތަކެތި ބޭނުންކުރާ މީހުން އަދި އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ އުފުލަން ޖެހޭ މިނިސްޓްރީގެ މެންޑޭޓް މާ ބޮޑުވެފައި އުނދަގޫ ކަމަށެވެ.

އެހެންކަމުން އެކަށީގެންވާ ވަސީލަތް ނެތި، ހާއްސަކޮށް ޓެކްނިކަލް ވަސީލަތް ނެތި، ހިތްހަމަޖެހޭ ފެންވަރަށް އެ މިނިސްޓްރީގެ ކަންކަން ކުރަން ދަތިވާނެ ކަމަށް އަނީސާ ވިދާޅުވިއެވެ.