ޚަބަރު

ގޮތް ހުސްވި ދުވަހު އަތުގައި ހިފި މީހުންނަށް ތެޔޮ ހަން ދޭނަމަ ކަތިވަޅި ގެއްލި، ކޮށި ދަނޑުވެސް ގެއްލިދާނެ: މަލީހް

އައިދާ އަބްދުލް ހަކީމް

1

ހާލުގައި ޖެހި ބުންވަރު ހުސްވެ ހަދާނެ ގޮތް ހުސްވި ދުވަހު އަތުގައި ހިފި މީހުންނަށް ތެޔޮހަން ދޭނަމަ މަރިޔަނބު ގެއްލި، ކަތިވަޅި ގެއްލި، ކޮށި ދަނޑުވެސް ގެއްލިދާނެ ކަމަށް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މަލީހް މިހެން ވިދާޅުވީ ސީއެންއެމް އިން ގެނެސްދިން ޕްރޮގްރާމެއްގައި ޖޭޕީގެ މެންބަރުންގެ މައްސަލަ މަޖިލީހަށް ވައްދަން އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުން ޖެހިލުންވާ ކަމަށް އެޕްރޮގްރާމްގެ ޕްރެޒެންޓަރު ކުރި ސުވާލަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ދެއްވި ޖަވާބަކާ ގުޅިގެންނެވެ.

ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވީ ސަރުކާރަށް ދޭން ޖެހޭ އެއްބާރުލުން މިނިސްޓަރުންގެ ފަރާތުން ނުލިބޭނަމަ މަލީހެއް އަމީނެއް ނުވަތަ ޓްރާންސްޕޯޓް މިނިސްޓަރު އައިޝާގެ މޫނަކަށް ބަލަން ނުތިބޭނެ ކަމަށެވެ.

އެކަމަށް ރައްދު ދެއްވައި މިއަދު ކުރެއްވި ޓުވީޓުގައި މަލީހު ވިދާޅުވީ އެއްވެސް ޕާޓީއަކަށް ވެރިކަން ހިންގަން ރައްޔިތުން ހަވާލު ނުކުރާ ކަމަށެވެ. އަދި ރައްޔިތުންގެ ތާއީދު އެކަމަށް ނެތް ކަމަށެވެ. އެހެން ކަމުން ހާލުގައި ޖެހި، ބުންވަރު ހުސްވެ ހަދާނެ ގޮތް ހުސްވި ދުވަހު އަތުގައި ހިފި މީހުންނަށް ތެޔޮހަން ދޭނަމަ، މަރިޔަނބު ގެއްލި، ކަތިވަޅި ގެއްލި، ދަނޑު ގެއްލިދާނެ ކަމަށެވެ.

ލޯކަލް ކައުންސިލް އިންްތިހާބުގެ ކެމްޕޭނާ އެކު ކޯލިޝަން ޕާޓީތަކުގެ މެދުގައި ނުތަނަވަސްކަން އުފެދެން ވަނީ ފަށައިފަ އެވެ. ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ވަޒީރު ކަމުގައި ހުންނަވަން ނުފެންނަ ކަމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުން އިއްޔެ ނިންމާފައި ވަނިކޮށް އެ ކަމަނާ މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެން، މިއީ ކޯލިޝަން ރޫލުމުގެ ފެށުމެއް ކަމަށް ސިޔާސީ މަސްރަހު ދިރާސާ ކުރާ ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟