ޚަބަރު

ގުރުއާނާބެހޭ ގައުމީ މަރުކަޒުގެ ގޮތްޕެއް ފުވައްމުލަކުގައި އިމާރާތްކުރަނީ

އަހުމަދު ވަޖީފު

ކީރިތި ގުރުއާނާބެހޭ ގައުމީ މަރުކަޒުގެ ގޮތްޕެއް ފުވައްމުލަކު ސިޓީގައި އިމާރާތްކުރުމުގެ އެއްބަސްވުމެއްގައި އިސްލާމިކް މިނިސްޓްރީ އާއި މާރިސް ކޮންޓްރަކްޝަންއާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކުރައްވައިފިއެވެ.

ފުވައްމުލަކު ސިޓީގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ކީރިތި ގުރުއާނާބެހޭ ގައުމީ މަރުކަޒުގެ ގޮފި ހެދުމުގެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ މިނސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީއެވެ. އަދި މާރިސް ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ސައީދުއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ފަރާތުން ރާއްޖޭގައި ކީރިތި ގުރުއާނުގެ އިލްމު ފެތުރުމަށްޓަކައި ދައުލަތުގެ ބަޖެޓުން ހަރަދުކޮށް އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. އެގޮތުން ކީރިތި ގުރުއާނާބެހޭ ގައުމީ މަރުކަޒުގެ ގޮފިތައް ރާއްޖޭގެ އެކި ރަށްރަށުގައި ގާއިމުކޮށްފައިވާ ކަމަށާއި މިހާތަނަށް ޖުމްލަ 40 ގޮތްޕެއް ކީރިތި ގުރުއާނާބެހޭ ގައުމީ މަރުކަޒުން ހުޅުވާފައި ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިގޮތަށް ގާއިމުކުރެވޭ ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ގޮފިތަކުގައި ކިޔަވައިދެއްވަމުންދާނީ ކިޔަވައިދިނުމުގެ ފެންވަރު ވަޒަންކޮށް ކޮލިޓީ ކޮންޓްރޯލް ކުރެވޭނެގޮތަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ކީރިތި ގުރުއާނުގެ އިލްމު ފެތުރުމަށްޓަކައި ސަރުކާރުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކޮށް ޝުކުރުދެންނެވިއެވެ. އަދި އެކަމުގައި މިނިސްޓްރީގެ ފަރާތުން ޝާމިލުވާ ހުރިހާ ފަރާތްތަކަށްވެސް މިނިސްޓަރު ވަނީ ޝުކުރު ދަންނަވައިފައެވެ.

މާރިސް ކޮންސްޓްރަކްޝަންއާ ހަވާލުކުރެވުނު ފުއްވަމުލަކު ކީރިތި ގުރުއާނާބެހޭ ގައުމީ މަރުކަޒުގެ ގޮފި ނިންމަން އެ ކުންފުންޏަށް ދީފައިވަނީ 300 ދުވަހެއެވެ. އެ އިމާރާތް ނިމޭއިރު 6.2 މިލިއަން ރުފިޔާ ހަރަދުވާނެއެވެ. ދެބުރީގެ އިމާރާތެއް ގޮތުގައި ފުވަމުއްލަކު ސިޓީގައި އިމާރާތްކުރާ ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ގޮފީގައި ހަތަރު ކްލާސް ރޫމަކާއި، އޮޑިޓޯރިއަމްއަކާއި، ލައިބްރަރީއެއް ހިމެނެއެވެ.