ޚަބަރު

ކޮރޯނާ ވައިރަސް: ކެމެރާތައް އިތުރުކޮށް ޑޮމެސްޓިކް ޓާމިނަލާއި ހަނިމާދޫ އެއާޕޯޓުގައި ކެމެރާ ހަރުކޮށްފި

އައިދާ އަބްދުލް ހަކީމް

މިހާރު ރާއްޖޭގައި ހުރި ކެމެރާތައް އިތުރުކޮށް އަޕްގްރޭޑް ކޮށް، ޑޮމެސްޓިކް ޓާމިނަލް އާއި ހަނިމާދޫ އެއާޕޯޓުގައި ވެސް ތާމޯ ކެމެރާ ހަރުކޮށްފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ކޮރޯނާ ވައިރަސްއާ ގުޅިގެން ސަރުކާރުގެ ކަމާ ބެހޭ މުއައްސަސާތަކުން މީޑިއާ އަށް މައުލޫމާތު ދިނުމަށް ބާއްވަމުން އަންނަ ސިލްސިލާ ބައްދަލުވުން ތަކުގެ ތެރެއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ކޮރޯނާ ވައިރަސްގެ މައްސަލަ މުޅި ދުނިއެއަށް ބޮޑުވެފައިވާތީ، ރާއްޖެއަށް ވެސް އެކަމުގެ ބިރު އޮތުމުން އިތުރު ކެމެރާތައް ގެނެސް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުރި ފެންވަރުގެ ކެމެރާތައް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގައި އިތުރުކޮށް އަދި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ވެސް ހަމަ އެފެންވަރުގެ ތާމޯ ކެމެރާ މިހާރު ހުންނާނެ ކަމަށެވެ.

ކޮރޯނާ ވައިރަސް އާއި ގުޅިގެން ސަރުކާރުން މިހާރު އިތުރު ކެމެރާ ތަކާއި، މާސްކް ގެނައުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށާއި އެއީ މާސްކް އަޅަން ޖެހިއްޖެ ހާލަތެއްގައި އެއްވެސް ދަތިކަމެއް ނެތި މާސްކް ލިބޭނެ ގޮތް ހެދުމަށް ކަމަށް ވެސް މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ރާއްޖެއިން ފޮލޯ ކުރަމުން އަންނަނީ ޑަބްލިޔު.އެޗް.އޯގެ މިންގަނޑުތައް ކަމަށެވެ. އެގޮތުން ފާއިތުވި 14 ދުވަސް ތެރޭ ޗައިނާއަށް ދަތުރު ކޮށްފައިވާ ފަރާތްތަކާއި ސުވާލުކޮށް އެފަރާތްތަކުގެ ހާލަތު ކަށަވަރު ކުރަމުން އަންނަ ކަމަށެވެ.

ވައިގެ މަގުންނާއި ކަނޑުމަގުން ރާއްޖެ އަންނަ ހުރިހާ ފަތުރުވެރިންނަށްވެސް އެތެރެ ވެވޭނީ ޗެކް ކޮށްފައި ކަމަށާއި، އެގޮތުން ޕެސެންޖަރ ލައިން ތަކުން ރާއްޖެ އަންނަ މީހުން ވެސް ޗެކް ކުރުމުގެ މަސައްކަތް ކަމާ ބެހޭ އިދާރާ ތަކުން ކުރަމުން ގެންދާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މި ވައިރަސް އާއި ގުޅިގެން ގިނަ ބުކިންތަކެއް ކެންސަލް ކޮށްފައިވާ ކަމަށާއި އެކަމުގެ ސަބަބުން އިގުތިސާދަށް ލޮޅުންތަކެއް އަންނާނެ ކަމަށެވެ. ނަމަވެސް އިގުތިސާދަށްވުރެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން ސަރުކާރަށް މުހިއްމު ކަމަށް ވިދާޅުވިއެވެ. ބުކިން ކެންސެލޭޝަންގެ އަދަދު މިހާރު 24،000 އަށް އަރާފައިވާ ކަމަށާއި ނަމަވެސް ގެއްލެމުންދާ އަދަދުތައް، ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކާއެކު އަލުން އިޔާދަކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރުވެސް 1.7 މިލިއަން ފަތުރުވެރިން ގެންނާނެ ކަމަށާއި އަންނަ އަހަރުގެ ނިޔަލަށް 2.7 މިލިއަން ޓޫރިސްޓުން ގެނެވޭނެ ކަމަށް ވެސް ޓޫރިޒަމް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކެންސަލް ކުރި ބުކިންތަކަށް ފަހުން އައުމުގެ ހުއްދަ ދެއްވާނެ ކަމަށެވެ.

ކޮރޯނާ ވައިރަހާ ގުޅިގެން މި ވަގުތު ދެމީހަކު ފަރުކޮޅުފުށީގައި ކަރަންޓީނު ކޮށްފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އެ ދެ މީހުން ކަރަންޓީނު ކުރީ ޝައްކު ކުރެވޭ ކަންތައްތަކެއް ހުރެގެން ނޫން ކަމަށާއި ޗައިނާއަށް ގޮސްފައި އައި ބައެއް ކަމަށް ވާތީ ކަމަށެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި ކަރަންޓީނުކޮށްފައި ތިބީ ދެމަފިރީންނެވެ. އެ ދެމީހުން ރާއްޖެ އައީ ޗައިނާއަށް ދިޔުމަށް ފަހު، މެލޭޝިއާގައި ވެސް މަޑުކުރުމަށްފަހު އެވެ.