ޚަބަރު

އިސްލާމްދީނުގެ ނަމުގައި މީހުންނަށް ހަމަލާދޭ މީހުންނާ މެދު ޖިނާއީ އަދުލުގެ ނިޒާމުން ފިޔަވަޅު އަޅާނަން: ޕީޖީ

މަރިޔަމް ޝަހުދާ

އިސްލާމްދީނުގެ ނަމުގައި މީހުންނަށް ހަމަލާދޭ މީހުންނާ މެދު ޖިނާއީ އަދުލުގެ ނިޒާމުން ފިޔަވަޅު އަޅުއްވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިސްލާމް ދީނުގެ ނަމުގައި އަނިޔާވެރިވެ، މީހުންނަށް ހަމަލާ ދިނުމަކީ އިސްލާމް ދީނާއި ބީރައްޓެހި ކަމެއް ކަމަށެވެ. އަދި މި ދިވެހި މުޖުތަމައުގައި އެކަމަށް އެއްވެސް ޖާގައެއް ނެތް ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް މިހެން ވިދާޅުވި އިރު މިދިޔަ އަންގާރަ ދުވަހު ހުޅުމާލޭގައި ތިން މީހަކަށް ވަޅިން ހަމަލާ ދިންކަމުގެ ޒިންމާ، ވީޑިއޯއެއް މެދުވެރިކޮށް ބަޔަކު ވަނީ ނަގާފަ އެވެ. ފުލުހުން ބުނެފައި ވަނީ ހުޅުމާލޭގައި ދިން އެ ހަމަލާ އަކީ ހަރުކަށި ފިކުރަށް ނިސްބަތްވާ ބައެއްގެ އަމަލެއް ކަމަށް ބެލެވޭ ކަމަށެވެ. އަދި އެ ވީޑިއޯގެ ސައްހަކަން ކަށަވަރުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ހުޅުމާލޭގައި ޗައިނާގެ ދެމީހަކާއި އޮސްޓްރޭލިއާ މީހަކަށް ދިން އެ ހަމަލާއާ ގުޅިގެން މިހާ ތަނަށް ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.