ޖެންޑާ މިނިސްޓަރު ކަމުން މިނިސްޓަރު ޝިދާތާ އިސްތިއުފާ ދެއްވުމަކުން މި ރާއްޖޭގައި ކުރަމުންދާ ޖިންސީ ގޯނާއާއި އަނިޔާ އަދި އިހުމާލަށް ހައްލެއް ނުލިބޭނެ ކަމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް)ގެ ނައިބު ރައީސާ އައިމިނަތު ނާދިރާ ވިދާޅުވެއްޖެއެވެ.
ނާދިރާ މިހެން ވިދާޅުވީ އޭނާ މިއަދު ކުރެއްވި ޓުވީޓެއްގަ އެވެ.
"މިނިސްޓަރު ޝިދާތާ އިސްތިއުފާދެއްވުމަކުން މި ރާއްޖެގައި ކުރަމުންދާ ޖިންސީ ގޯނާއާއި އަނިޔާ އަދި އިހުމާލުގެ މައްސަލަތަކަށް ހައްލެއް ނުލިބޭ. ވިސްނުން ވެސް ބަދަލެއް ނުވާނެ. މީ މުޅި މުޖުތަމައުގައި އޮތް ބޮޑު ވަބާއެއް. ޒިންމާ ނަގަން ޖެހޭ މީހުން ބައިވަރު. އެކަކު ކަތިލައިގެން މައްސަލަ ހައްލެއް ނުވާނެ." ނާދިރާގެ ޓުވިޓްގައި ވިދާޅުވިއެވެ.
އަލަށް އައްޔަން ކުރެއްވި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީއަށް އަށް މަރުހަބާ ވިދާޅުވެ، އެކަމަނާގެ މަސައްކަތުގައި ދައުލަތުގެ ކަމާބެހޭ އިދާރާތައް އަދި މުޖުތަމައުގެ ފަރާތުން އެއްބާރުލުން ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ނާދިރާ ވިދާޅުވިއެވެ.
މިނިސްޓަރު ޝިދާތާ މިނިސްޓަރު ކަމުގައި ހުންނަވަން ނުފެންނަ ކަމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުން އިއްޔެ ބޭއްވި ބައްދަލުވުމެއްގައި، އެ ބައްދަލުވުމުގައި ބައިވެރިވި 45 މެންބަރުންގެ އިއްތިފާގުން ވަނީ ނިންމާފަ އެވެ. އަދި އިސްތިފާ ނުދެއްވައިފި ނަމަ، އިތުބާރު ނެތް ކަމުގެ މައްސަލަ ވެސް މަޖިލީހަށް ވައްދާނެ ކަމަށް އެމްޑީޕީގެ މަޖިލިސް މެންބަރަކު ވަނީ ވިދާޅުވެފަ އެވެ.
ޖެންޑާ މިނިސްޓަރު ކަމުގައި ހުންނެވި ޝިދާތާ ޝަރީފު އިސްތިއުފާ ދެއްވާފައިވަނީ މިއަދު އެވެ.