ހިޔާ މަޝްރޫއު

ހިޔާ މަޝްރޫއުން ފުލެޓް ހައްގުވާ ފަރާތްތަކުގެ ލިސްޓު އާންމު ކުރާއިރު ޝަކުވާ ހުށަހަޅަން ހުޅުވާލާނެ ކަމަށްބުނެފި

އިބްރާހިމް ޒަކީ

"ހިޔާ" މަޝްރޫއަށް ހުށަހަޅާފައިވާ ފޯމުތައް ކޮމިޓީއިން ދިރާސާކުރުމަށްފަހު، ފްލެޓް ހައްގުވާ ފަރާތްތައް ކަނޑައަޅައި، ލިސްޓުތައް އާއްމުކުރާއިރު، އެ ލިސްޓުތަކާ ގުޅޭގޮތުން އެއްވެސް ފަރާތަކުން ޝަކުވާއެއް ހުށަހަޅަން ބޭނުންނަމަ އެ ފުރުސަތު ހުޅުވާލާނެ ކަމަށް ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީން ބުނެފި އެވެ.

"ހިޔާ" މަޝްރޫއާއި، "ގެދޮރުވެރިކުރުން" މަޝްރޫއު އަދި "ގުޅީފަޅު ހައުސިންގ ޕްރޮޖެކްޓް" ހިންގާފައިވާ ގޮތް ބަލައި، އެ މަޝްރޫއުތަކާ ގުޅޭ މައްސަލަތައް ދިރާސާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލެއްވި "ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީ" އިން މިހެން ބުނެފައިވަނި "ހިޔާ" މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ މައުލޫމާތު އާންމުކުރުމަށް ގޮތުން މިއަދު ނެރުނު ނޫސް ބަޔާނުގައެވެ.

އެ ބަޔާނުގައި ކޮމިޓީން ބުނީ "ހިޔާ" މަޝްރޫއަށް ހުށަހަޅާފައިވާ ފޯމުތައް އިވެލުއޭޓްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ފްލެޓަށް ހުށަހަޅާފައިވާ ފޯމުތަކަށް ޕޮއިންޓް ދިނުމުގައި އަމަލުކުރަން ނިންމާފައި ވަނީ، މި މަޝްރޫޢުގެ އެކި ކެޓަގަރީތަކަށް ޕޮއިންޓް ދިނުމަށް ކުރީގެ މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އިން އިއުލާނުކޮށްފައިވާ އުސޫލުތަކާއި މިންގަނޑުތަކަށް ކަމަށްވެސް ބުނެފައިވެއެވެ. އަދި ފުލެޓަށް ހުށަހަޅާފައިވާ މީހުންގެ ދިރިއުޅުމުގެ ހާލަތު ބެލުމަށް ގޭގެއަށް ޒިޔާރަތްކޮށް ހާލަތު ވަޒަންކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ކޮމިޓީން ބުނީ، މިހާތަނަށް މި ކޮމިޓީއިން "ދިރިއުޅުމުގެ ޙާލަތު" ވަޒަންކުރުމުގެ މަސައްކަތް ފަށާފައިވާ ކެޓަގަރީތަކަކީ، H4، H5، H6، H10، H12، H13، H14، H15 ކަމަށެވެ. އަދި އިތުރު ކެޓަގަރީތަކުގެ ފޯމުތަކުގެ ސްކްރީނިންގ ޕްރޮސެސް ނިމުމުން "ދިރިއުޅުމުގެ ޙާލަތު" ބެލުމަށް ގޭގެއަށް ޒިޔާރަތްކުރުމުގެ މަސައްކަތް ފެށާނެ ކަމަށްވެސް ބުނެފައިވެއެވެ.

"ދިރިއުޅުމުގެ ހާލަތު ވަޒަންކުރުމުގެ މަސައްކަތުގެ ތެރެއިން، އެންމެ ފުރަތަމަ ކުރެވޭ ކަމަކީ، އެ ކެޓަގަރީއަކުން ސްކްރީނިން ޕްރޮސެސް އިން، ޝަރުތު ހަމަވާކަމަށް ކަނޑައެޅޭ ފަރާތްތަކަށް ގުޅައި، އެ ފަރާތްތަކުން މިހާރު ދިރިއުޅޭ އެޑްރެސް ވެރިފައިކުރުމުގެ މަސައްކަތެވެ. މިގޮތަށް އެ ކެޓަގަރީއަކުން ޝަރުތު ހަމަވާ ފަރާތްތަކުގެ އެޑްރެސް ވެރިފައިކުރުމަށްފަހު، ގޭގެއަށް ޒިޔާރަތްކުރުމަށް ވަކި މުއްދަތެއް ކަނޑައެޅެއެވެ. އަދި ގޭގެއަށް ޒިޔާރަތްކުރުމަށް ހާއްސަކުރެވިފައިވާ ޓީމަށް ބްރީފްކުރުމުގެ ސެޝަންތައް ކުރިއަށްގެންދެވެއެވެ،" ނޫސް ބަޔާނުގައި ބުނެފައިވެއެވެ.

ކޮމިޓީން ބުނީ، ފުލެޓަށް ފޯމު ހުށަހަޅާފައިވާ ބައެއް ފަރާތްތަކުގެ ތެރެެއިން ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ބަލަނީ އެ ރަށެއްގެ ކައުންސިލް މެދުވެރިކޮށް ކަމަށެވެ.

އަދި 4 މާރިޗު 2019 އިން 25 މާރިޗު 2019 އަށް "ހިޔާ" މަޝްރޫއު، ގެދޮރުވެރިކުރުން އަދި ގުޅީފަޅު ހައުސިން ޕްރޮޖެކްޓާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ޝަކުވާ ހުށަހަޅުއްވާފައިވާ ހުރިހާ ފަރާތްތަކެއްގެ ޝަކުވާ ބަލަމުންދާ ކަމަށްވެސް ބުނެފައިވެއެވެ. އަދި "ހިޔާ" މަޝްރޫއުގެ ފުރަތަމަ 12 ކެޓަގަރީގެ މަސައްކަތް ނިންމުމަށްފަހު، ސިވިލް ސަރވިސް ކެޓަގަރީގެ ފޯމުތައް ކޮމިޓީއިން ދިރާސާކުރާނެކަމަށް ވެސް ބުނެފައިވެއެވެ.