ޖެންޑާ މިނިސްޓަރު ކަމުގެ މަގާމަށް އައިޝަތު މުހައްމަދު ދީދީ އައްޔަން ކުރައްވަން ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދެންމެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޝިދާތާ ޝަރީފްގެ އިސްތިއުފާ ލިބިވަޑައިގެންފައިވާ ކަމަށާއި، މިނިސްޓާ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސްގެ މަގާމުގައި ހުންނަވައިގެން ކޮށްދެއްވާފައިވާ ހިދުމަތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
އާ ޖެންޑާ މިނިސްޓަރު ކަމުގެ މަގާމަށް އިންޑިއާގައި ހުންނަވާ ދިވެހި ސަފީރު އާއިޝަތު މުހައްމަދު ދީދީ އައްޔަން ކުރައްވަން ނިންމަވާފައިވާ ކަމަށް ވެސް ރައީސް ސޯލިހުގެ ޓުވީޓުގައި ވަނީ ވިދާޅުވެފަ އެވެ.
ރާއްޖެއިން އިންޑިއާއަށް ކަނޑައަޅާ ސަފީރުކަމަށް ހ. ދޫރިހާ އާއިޝަތު މުހައްމަދު ދީދީ އައްޔަން ކުރެއްވީ 15 ޑިސެމްބަރު 2018ގަ އެވެ.
ސައިކޮލޮޖީ އިން ޑިގްރީ، އަދި ތައުލީމީ ދާއިރާއިން މާސްޓާސް ޑިގްރީ ހޯއްދަވާފައިވާ އައިޝަތު މުހައްމަދު ދީދީ ވަނީ މީގެ ކުރިންވެސް ޖެންޑާ މިނިސްޓަރު ކަމުގެ މަގާމު އަދާ ކުރައްވައިފައެވެ. އެއީ 2005 ވަނަ އަހަރުން ފެށިގެން 2008 އަހަރުގެ ނިޔަލަށް އޭރުގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމުގެ ވެރިކަމުގައެވެ.
އޭގެ ފަހުން ތައުލީމީ ދާއިރާ އާއި ކުޑަކުދިންނާއި އަންހެނުންގެ ހައްގުތަކާ ބެހޭ ކޮންސަލްޓަންޓެއްގެ ގޮތުގައި ގިނަ ހިދުމަތްތަކެއް އައިޝަތު މުހައްމަދު ދީދީ ކުރައްވާފައި ވެއެވެ.
އައިޝަތު މުހައްމަދު ދީދީގެ ހިދުމަތް އެންމެ ބޮޑަށް ފާހަގަ ވަނީ ތައުލީމީ ދާއިރާގައެވެ. އެގޮތުން 1982 ވަނަ އަހަރުން ފެށިގެން 1998 ވަނަ އަހަރާ ހަމައަށް ތައުލީމީ ދާއިރާތާގައި ވަނީ މަސައްކަތް ކުރައްވައިފައެވެ.
އޭނާ ވަނީ ޔޫއެން އާއި ޔުނިސެފް ފަދަ ޖަމިއްޔާތަކާ ގުޅިގެން ވެސް ގިނަ މަސައްކަތްތަކެއް ކުރައްވައިފައެވެ.