ޚަބަރު

މި ސަރުކާރުން ހިޔާގެ ފްލެޓްތައް އަތުލައިފި ނަމަ ޕީޕީއެމްގެ ސަރުކާރެއްގައި އަނބުރާ ދޭން ފާސްކޮށްފި

އަލީ ޔާމިން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިންގި ހިޔާ މަޝްރޫގެ ދަށުން ދީފައިވާ ފްލެޓްތައް މި ސަރުކާރުން އަތުލައިފި ނަމަ، ޕީޕީއެމްގެ ސަރުކާރެއްގައި އަނބުރާ އެ ފްލެޓްތައް ދިނުމަށް ޕީޕީއެމް-ޕީއެންސީ ކައުންސިލުން ރޭ ފާސްކޮށްފިއެވެ.

މިއަހަރު ބޭއްވި ޕީޕީއެމް-ޕީއެންސީގެ ފުރަތަމަ ޖޮއިންޓް ކައުންސިލް ބައްދަލުވުމުގައި ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެންބަރު، އިބްރާހިމް ޝުޖާއު ވަނީ ގަރާރެއް ހުށަަހަޅާފައެވެ. އެ ގަރާރުގައި ވަނީ ފްލެޓު ލިބުނު ކަމުގެ ލިޔުން ދީފައިވާ މީހުންގެ އަތުން ފްލެޓް އަތުލުމަށް މިސަރުކާރުން ކުރަމުންދާ މަސައްކަތް ހުއްޓުވުމަށާއި، ރައްޔިތުންގެ ހައްގު ހޯދުމަށް ކައުންސިލް މެންބަރުން އެއްބަސްވުމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ފުލެޓް ދީފައިވާ ބައެއް ފަރާތްތަކަކީ ޝަރުތު ހަމަވާ މީހުން ނޫންކަމަށް މި ސަރުކާރުން ވަނީ ބުނެފައެވެ.

ޝުޖާއުގެ ގަރާރަށް އިސްލާހު ހުށަހެޅުއްވީ، ޕީޕީއެމްގެ ކައުންސިލް މެންބަރު އަދި ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު ސިއްދީގު އެވެ. ސިއްދީގު އެ ގަރާރަށް ހުށަހެއްޅުވި އިސްލާހުގައި ބުނެފައިވަނީ، ރައީސް ޔާމީންގެ ސަރުކާރުން ބޯހިޔާވަހިކަން ދޭނެ ކަމުގެ ޔަގީންކަން ދީފައިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ސަބަބަކާ ހުރެ އެ ބޯހިޔާވަހިކަން މި ސަރުކާރުން ނުދީފި ނަމަ، ދެން އަންނަ ޕީޕީއެމްގެ ސަރުކާރަކުން އެ މީހަކަށް ބޯހިޔާވަހިކަން ދިނުމަށެވެ.

ޝުޖާއުގެ ގަރާރު، ހުށަހެޅުނު އިސްލާހުތަކާއެކު ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި 47 މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ.

ފްލެޓްތަކުގެ މައްސަލައިގައި ހުށަހެޅި ގަރާރުގެ އިތުރުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެ ކޯލިޝަނުން އިތުރު ބަޔަކާ އެކު ކޯލިޝަން ހަދާނަމަ، ކޯލިޝަން ހެދުމުގެ އުސޫލުތަކެއް ބަޔާން ކުރާ ގަރާރެއްވެސް ވަނީ ފާސްކޮށްފައެވެ. އެގޮތުން ޕީޕީއެމް-ޕީއެންސީއާއި ކޯލިޝަން ހަދާ ޕާޓީ ވާން ޖެހޭނީ ރައީސް ޔާމީން މިނިވަން ކުރުމަށް މަސައްކަތްކުރާ އަދި ޕީޕީއެމްގެ ސިޔާސަތުތައް ގަބޫލު ކުރާ ޕާޓީއަކަށް ކަމަށް ގަރާރުގައި ވެއެވެ. އެ ގަރާރުގައި ވާގޮތުން ސަރުކާރު ހިންގުމުގައި ބައިވެރިވާ ސިޔާސީ ޕާޓީއަކަށް އެ ޕާޓީއާއި އެކު ކޯލިޝަނެއް ނުހެދޭނެއެވެ.