ޚަބަރު

ޑިފެންސް މިނިސްޓަރު މާރިޔާ އިންޑިއާގެ ޑިފެންސް މިނިސްޓަރާ ބައްދަލުކުރައްވައިފި

އަލީ ޔާމިން

އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ރާއްޖޭގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އިންޑިއާގެ ޑިފެންސް މިނިސްޓަރު ރަޖާނަތު ސިންގްއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސްއާ ގުޅިގެން ދިވެހި ސިފައިންގެ ހިންގާ އޮޕަރޭޝަންތަކުގައި އިންޑިއާގެ އަސްކަރިއްޔާއިން ރާއްޖެއަށް އެހީތެރިވުމަށް މަޝްވަރާކޮށްފައެވެ.

ރާއްޖޭގައި ކޮރޯނާވައިރަސްއަށް ޓެސްޓްކުރެވޭނެ އިންތިޒާމެއް ނުހުރެއެވެ. އެހެންކަމުން އެވައިރަސްއަށް ޓެސްޓް ކުރަން ސާމްޕަލްތައް ފޮނުވަން ޖެހެނީ އިންޑިއާގެ ޕޫނޭއަަށެވެ.

އިންޑިއާގެ ލަކްނައުގައި އޮންނަ ޑިފެންސް އެކްސްޕޯ 2020 ގައި ބައިވެރިވުމަށް އެކަމަނާ ކުރައްވާ މި ދަތުރުފުޅަކީ ހަތަރު ދުވަހުގެ ނިޔަލަށް ކުރައްވާ ދަތުރުފުޅެކެވެ.

އެކަމަނާގެ މި ދަތުރުފުޅުގައި އިންޑިއާގެ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ދަތުރުފުޅަށް ފަހު މިނިސްޓަރު މާރިޔާ އެނބުރި ރާއްޖެ ވަޑައިގަންނަވާނީ މާދަމާއެވެ.