ޚަބަރު

އާންމު ރައްޔިތުންގެ ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދީފި

މަރިޔަމް ޝަހުދާ

1

އާންމު ރައްޔިތުންގެ ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފިއެވެ.

އިލެކްޝަނުން މިއަދު ޓުވީޓެއް މެދުވެރިކޮށް އާންމު ކުރި ގޮތުގައި "އާންމު ރައްޔިތުންގެ ޕާޓީ"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދީފައިވަނީ ސ.ހިތަދޫ، ކަނަދޫގެ، އަހުމަދު ސައީދަށެވެ.

ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރެވޭނީ ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަނުންދޭތާ ތިން މަސް ދުވަހުގެ ތެރޭ 3000 މެންބަރުންގެ ސޮއި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިގެންނެވެ. 3000 މެންބަރުންގެ ފޯމު ސައްހަ ކަމަށްވާ ނަމަ ޕާޓީ އުފެއްދުމުގެ އާންމު ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަނުން ދޭނެއެވެ. ޕާޓީއެއް ރަޖިސްޓްރީ ކުރެވޭނީ މި ކަންކަމަށް ފަހުއެވެ.

މިހާރުވެސް ރާއްޖޭގައި ރަޖިސްޓްރީކޮށް ހިންގަމުން އަންނަ ދިހަ ޕާޓީއެއް އޮވެއެވެ. އެއީ އެމްޑީޕީ، ޕީޕީއެމް، ޖުމްހޫރީ ޕާޓީ، އެމްޑީއޭ، އަދާލަތު ޕާޓީ، ޑީއާރުޕީ، މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ)، މޯލްޑިވްސް ލޭބަ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ)، ޕީޕަލްސް ނެޝަނަލް ކޮންގުރެސް (ޕީއެންސީ) އަދި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އެވެ.

އެ ދިހަ ޕާޓީގެ އިތުރުން ސަންރައިސް ޕާޓީ އާއި ދިވެހި އެންމެންގެ ޕާޓީ އުފެއްދުމަށް ބޭނުންވާ މެންބަރުން ހަމަކުރުމުގެ މަސައްކަތް ކުރުމުގެ ހުއްދަ އެ ދެ ޕާޓީއަށް އީސީން ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭ ދީފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟