ޚަބަރު

އިސް މެޖިސްޓްރޭޓު އަލީ ޝަރީފުގެ ސުލޫކީ މައްސަލައެއް ބަލަނީ

ލ. ޖުޑީޝަލް ދާއިރާގެ ދާއިރާ އިސް މެޖިސްޓްރޭޓު އަލީ ޝަރީފުގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން އެ މައްސަލަ ބެލުމަށް ނިންމާފައިވަނީ މިއަދު ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމުގައެވެ.

ޖޭއެސްސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ލ. ޖުޑީޝަލް ދާއިރާގެ ދާއިރާ އިސް މެޖިސްޓްރޭޓު އަލީ ޝަރީފާ ބެހޭގޮތުން ކޮމިޝަނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ލިބިފައިވާ ލިޔެކިޔުންތައް ކޮމިޝަނުން ދިރާސާކުރުމުގެ ތެރޭގައި، ސާބިތުވެއްޖެ ނަމަ އޭނާގެ ސުލޫކަށް އަސަރުކުރާ ފަދަ ކަމެއް ފާހަގަވެފައިވާތީ އަލީ ޝަރީފުގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމާފައިވާ ކަމަށެވެ.

ލ. ޖުޑީޝަލް ދާއިރާގެ ދާއިރާ އިސް މެޖިސްޓްރޭޓު އަލީ ޝަރީފާ ބެހޭގޮތުން ޖޭއެސްސީއަށް ހުށަހެޅިފައިވަނީ ކޮން މައްސަލައެއް ކަމެއް އެ ކޮމިޝަނުން ހާމަކޮށްފައެއް ނުވެއެވެ.