ޚަބަރު

އައިއާރުއައިގެ ދިރާސާ: އިގުތިސާދާ މެދު ރައްޔިތުންގެ އިތުބާރު އެބައޮތް، ސަރުކާރަށް ތާއީދު އެބައޮތް

އަލީ ޔާމިން

ދިވެހިރާއްޖޭގެ އިގުތިސާދާ މެދު ރައްޔިތުންގެ އިތުބާރު އެބައޮތް ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ރައްޔިތުންގެ ތާއީދު އެބައޮތް ކަަމަށް އިންޓަނޭޝަނަލް ރިޕަބްލިކަން އިންސްޓިޓިއުޓް (އައިއާރުއައި)ގެ ސެންޓާ ފޮ އިންސައިޓްސް އިން ސާވޭ ރިސާޗު (ސީއައިއެސްއާރު) އިން ރާއްޖޭގައި ހެދި ސާވޭއަކުން ދައްކައިފިއެވެ.

އަށާރަ އަހަރުން މަތީގެ 1،130 ދިވެހިން ބައިވެރިކޮށްގެން މިދިޔަ އަހަރު ހެދި މި ސާވޭއިން ދައްކާ ގޮތުގައި ރާއްޖޭގައި މިހާރު އޮތް ސަރުކާރަށް ރައްޔިތުންގެ ތާއީދު ބޮޑެވެ. އަދި އިގުތިސާދީ ގޮތުން ކުރިއެރުންތައް އަންނަ ކަމަށް ރާއްޖޭގެ ރައްޔިތުން ދެކޭކަން ސާވޭގައި ފާހަގަކޮށްފައިވެއެވެ. އަދި ހަމައެއާއެކު ސިޔާސީ ހަމަނުޖެހުމާއި ކޮރަޕްޝަންގެ ބިރާއި ނުތަނަވަސްކަން ރައްޔިތުންގެ މެެދުގައި އޮތްކަންވެސް ސާވޭގައި ފާހަގަކޮށްފައިވެއެވެ.

މިއީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް، މިހާރު ވެރިކަން ކުރާ ކޯލިޝަން ސަރުކާރު އުފެދުނު ފަހުން މުޅި ގައުމު ހިމެނޭ ގޮތަށް ބޭއްވުނު ހިޔާލު ހޯދުމުގެ ފުރަތަމަ ދިރާސާއެވެ.

އައިއާރުއައި އިން ރާއްޖޭގައި ހިންގުނު ދިރާސާއާ ބެހޭގޮތުން އޭޝިއާ ސަރަހައްދަށް ކަނޑައަަޅާފައި ހުންނަވާ ރީޖަނަލް ޑައިރެކްޓަރު ޖޮއާނާ ކާއޮ ވިދާޅުވީ، ސަރުކާރުގެ ފުރަތަމަ އަހަރަށް ފަހު ސަރުކާރުގެ ހިންގުމާ މެދު ރައްޔިތުން ތިބީ ހިތްހަމަ ޖެހިފައި ކަމަށެވެ.

"ސަރުކާރުގެ ފުރަތަމަ އަހަރަށް ފަހު ސަރުކާރުގެ ހިންގުމާ މެދު ދިވެހީން ތިބީ ހިތްހަމަޖެހިފައި. އެހެންނަމަވެސް ރައްޔިތުންގެ މި ތާއީދު ދެމެހެއްޓުމަށްޓަކައި، ކޮރަޕްޝަނާއި ސިޔާސީ ހަމަނުޖެހުންތަކާ މެދު ރައްޔިތުންގެ މެދުގައި އޮތް ނުތަނަވަސްކަމަށް ހައްލެއް ހޯދައިދިނުމަށް ކުރައްވާ މަސައްކަތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރިއަށް ގެންދަންވާނެ،" ޖޮއާނާ ވިދާޅުވިއެވެ.

އައިއާރުއައިގެ ސާވޭއިން ދައްކާ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް 61 އިންސައްތައިގެ ތާއީދެއް ވަނީ ލިބިފައެވެ. އަދި ސަރުކާރަށް 65 އިންސައްތައިގެ ތާއީދެއް ވަނީ ލިބިފައެވެ. މި ނަތީޖާ މިގޮތަށް މިއައީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމާއި އަދުލު އިންސާފުގެ ދާއިރާ އިސްލާހުކުރުމާއި ލާމަރުކަޒީކުރުމާއި ހުރިހާ ދާއިރާއަކުންމެ އަންހެނުންގެ ބައިވެރިކަން އިތުރުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އައުމުގެ ސަބަބުން ކަމަށް ސާވޭއިން ދައްކައެވެ.

އާ ސަރުކާރާއެކު ގައުމުގެ އިގްތިސާދަށް އެދެވޭ ބަދަލުތަކެއް އައިސްފައިވާ ކަމަށް ރައްޔިތުން ގަބޫލު ކުރާ ކަމަށްވެސް މި ސާވޭއިން ދައްކައެވެ. މިގޮތުން މިހާރުގެ އިގުތިސާދީ ހާލަތު ރަނގަޅުކަމަށް ނުވަތަ ވަރަށް ރަނގަޅުކަމަށް މި ސާވޭގައި ބައިވެރިވި 75 އިންސައްތަ މީހުން ދެކެއެވެ. އަދި 63 އިންސައްތަ މީހުން ތިބީ ކުރިއަށް އޮތް އަހަރު ރާއްޖޭގެ އިގުތިސާދު ރަނގަޅުވާނެ ކަމަށް ދެކިގެންނެވެ.

ސަރުކާރާއި އިގްތިސާދާ މެދު އާންމުން ދެކޭ ގޮތްތައް ރަނގަޅުކަމުގައިވިޔަސް ކޮރަޕްޝަނާއި ސިޔާސީ ހަމަނުޖެހުންތަކުގެ ސަބަބުން ރައްޔިތުންގެ ތެރޭގައި ކޮންމެވެސް މިންވަރެއްގެ ނުތަނަވަސްކަމެއް އެބައޮތްކަމުގައިވެސް ސާވޭއިން ދައްކައެވެ. އެގޮތުން ރައްޔިތުންގެ އާންމު ދިރިއުޅުމަށް ކޮރަޕްޝަންގެ ސަބަބުން އަސަރު ނުކުރާ ކަމަށް 62 އިންސައްތަ މީހުން ބުނާއިރު 97 އިންސައްތަ މީހުން ދެކެނީ އަދިވެސް އެއީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައެވެ. އެހެންނަމަވެސް ގިނަ ބަޔަކު ދެކޭ ގޮތުގައި ގައުމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ސިޔާސީ ހަމަނުޖެހުންތަކާއި އެތެރޭގެ ކޯޅުންތަކެވެ.

މީގެ އިތުރުން ބޯހިޔާވަހިކަމުގެ މައްސަލައާއި، ވަޒީފާނުލިބުމާއި، މަސްތުވާތަކެތީގެ މައްސަލައަކީ މިހާރުން މިހާރަށް ހައްލު ހޯދަން ޖެހޭ ކަންކަން ކަމަށްވެސް ސާވޭގައި ބުނެފައިވެއެވެ.

މި ސާވޭއިން ދައްކާ ގޮތުގައި ރާއްޖޭގައި ލާމަޒުކަޒީ ނިޒާމަށް ބޮޑު ތާއީދެއް އެބައޮތެވެ. އެގޮތުން 75 އިންސައްތަ މީހުން ދެކޭ ގޮތުގައި ލާމަރުކަޒީ ނިޒާމަކީ މުހިންމު ނިޒާމެކެވެ. އަދި އެކަމާ ގުޅިގެން ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް 54 އިންސައްތަ މީހުން ތާއީދުކުރެއެވެ. އަދި ކައުންސިލުތަކުގެ ތިންބައިކުޅަ އެއްބައި އަންހެނުންނަށް ދޭ ގޮތަށް ގެނައި އިސްލާހަށް 62 އިންސައްތަ މީހުން ތާއީދު ކުރެއެވެ.

މި ސާވޭއަކީ ސީޑީއީގެ ބެލުމުގެ ދަށުން އިންޓަނޭޝަނަލް ރިޕަބްލިކް އިންސިޓިއުޓް (އައިއާރްއައި)ގެ ސެންޓަރ ފޯ އިންސައިޓް އިން ސާވޭ ރިސާޗް(ސީއައިއާރްއެސް) އިން 2019 ޑިސެންބަރު 3 އިން 22 އަށް ހިންގި ސާވޭއެކެވެ. މި ދިރާސާއަށް ބޭނުންވާ މައުލޫމާތު އެއްކުރެވިފައިވަނީ "މަލްޓި- ސްޓޭޖް ސްޓެރެޓިފައިޑް ޕްރޮބެބިލިޓީ ސާމްޕަލް" ބޭނުންކޮށްގެން ވަކިވަކި ފަރުދުންނާ ބައްދަލުކޮށް އަދި ގޭގެއަށް ޒިޔާރަތްކޮށްގެން ނެގުނު އިންޓަވިއުތަކުންނެވެ.

އިންޓަނޭޝަނަލް ރިޕަބްލިކަން އިންސްޓިޓިއުޓް (އައިއާރުއައި) އަކީ ދުނިޔޭގެ ގައުމުތަކުގެ މިނިވަންކަމާއި ޑިމޮކްރަސީގެ ރީތި ހަމަތަކާއި ރީތި އުސޫލުތައް ގާއިމުކުރުމަށްޓަކައި ހިލޭ ސާބަހަށް މަސައްކަތްކުރާ މުސްތަގިއްލު ޖަމިއްޔާއެކެވެ.