ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ "އީޖާދީ އިނާމު" މިއަހަރުވެސް ދޭން ނިންމައިފިއެވެ.
ސިވިލް ސާވިސް ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "އީޖާދީ އިނާމު 2020" ގެ ބޭނުމަކީ އިދާރާތައް ހިންގުމުގެ ޒަމާނީ އާ ގޮތްތައް ތައާރަފުކޮށްދީ ފެންވަރު ރަނގަޅުކުރުން ކަމަށެވެ.
އެގޮތުން އީޖާދީ އިނާމަށް ހުށަހެޅޭ ކެޓެގަރީތަކަކީ ހިދުމަތްދިނުމުގެ ނިޒާމު ހަރުދަނާކޮށް ދެވޭ ހިދުމަތުގެ ފެންވަރު މަތިކުރުމުގެ ކެޓަގަރީ އާއި އިންފޮމޭޝަން ޓެކްނޮލޮޖީ ބޭނުންކޮށްގެން އޮފީހުގެ މަސައްކަތް ހަލުވިކުރުމުގެ ކެޓަގަރީ އާއި އޮފީހުގެ ހަރަދުތައް ކުޑަކޮށް ލިބިފައިވާ ވަސީލަތްތަކުގެ ބޭނުން ފުރިހަމަގޮތެއް ހިފުމުގެ ކެޓަގަރީ އާއި މުވައްޒަފުންގެ ފަންނީ، އިލްމީ ގާބިލިއްޔަތާއި އަދި އުފެއްދުންތެރިކަން އިތުރުކުރުމުގެ ގޮތުން ހިންގޭ ހަރަކާތްތަކުގެ ކެޓަގަރީގެ އިތުރުން ކައުންސިލުތަކުން ހިންގާ ކާމިޔާބު މަޝްރޫއުތަކުގެ ކެޓަގަރީއެވެ.
މި އިނާމަށް ކުރިމަތިލުމަށް ސިވިލް ސާވިސްގެ ހުރިހާ އިދާރާތަކަށް ވަނީ ހުޅުވާލައިފައެވެ. އެގޮތުން 2018 ވަނަ އަހަރާއި 2019 ވަނަ އަަހަރު ކުރެވިފައިވާ މަސައްކަތުގެ ތެރެއިން އިނާމުދިނުމުގެ ހަމަތަކަށް ފެތޭ މަސައްކަތްތާކައި ޕްރޮޖެކްޓްތަކާއި ހަރަކާތްތަކަށް ފޯމު ހުށަހެޅުމަށް ކޮމިޝަނުން ވަނީ ހުޅުވާލައިފައެވެ. މި އިނާމަށް ފޯމު ހުށަހެޅުމުގެ އެންމެ ފަހު މުއްދަތަކީ އަންނަ މަހުގެ ފަސްވަނަ ދުވަހެވެ.
އުފެއްދުންތެރި ގޮތެއްގައި އިދާރާތަކުން ރައްޔިތުންނަށް ހިދުމަތްދިނުމަށް ކޮށްފައިވާ މަސައްކަތްތައް
އޮފީހުގެ މަސައްކަތްތަކުގެ ފެންވަރާއި ހިދުމަތް ދިނުމުގެ ފެންވަރު މަތިކުރުމަށްކޮށްފައިވާ މަސައްކަތްތައް
ހަރަދު ކުޑަކުރުމާއެކު (ކޯސްޓް އިފެކްޓިވް) ނަތީޖާ ހާސިލުކުރެވޭ ގޮތަށް ހިންގުން ހަރުދަނާކުރުމަށް، އިދާރާތަކުން ކުރިއަށްގެންގޮސްފައިވާ ޕްރޮޖެކްޓްތައް
ސަރުކާރުގެ މަސައްކަތްކުރާ މިނިސްޓްރީތަކާއި މިނސްޓްރީގެ ދަށުން މަސައްކަތްކުރާ އޮފީސްތައް
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ކައުންސިލްގެ އިދާރާތައް
ދިވެހި ސިވިލް ސާވިސްގެ މުވައްޒަފުން މަސައްކަތްކުރާ ވަކިވަކި އިދާރާތައް