ޚަބަރު

އަމިއްލަ އިމާރާތެއް ނެތް ހަމަ އެކަނި އިލެކްޝަން ކޮމިޝަނަކީ ރާއްޖޭގެ އިލެކްޝަން ކޮމިޝަން: އަކްރަމް

އަލީ ޔާމިން

ދުނިޔޭގެ ގައުމުތަކަށް ބަލާއިރު އަމިއްލަ އިމާރާތެއް ނެތް ހަމައެކަނި އިލެކްޝަން ކޮމިޝަން އަކީ ރާއްޖޭގެ އިލެކްޝަން ކޮމިޝަން ކަމަށް އެ ކޮމިޝަންގެ ނައިބު ރައީސް އަދި ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވެއްޖެއެވެ.

އަކްރަމް މިހެން ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބު 2020 އާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބު ހުޅުވާލުމަށް ރޭ އިލެކްޝަން ކޮމިޝަންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

އިލެކްޝަން ކޮމިޝަނުން ރޭ ބޭއްވި ޖަލްސާގައި ސިޔާސީ ޕާޓީތަކުގެ އިސްވެރިންގެ އިތުރުން ސިޓީ ކައުންސިލްތަކުގެ މޭޔަރުންނާއި، ސަރުކާރުގެ މަތީ ފަޑީގެ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންފައި ވެއެވެ.

އެ ރަސްމިއްޔާތުގައި އަކްރަމް ވިދާޅުވީ، އިލެކްޝަން ކޮމިޝަން އުފެދުނު ފަހުން ތަފާތު އަށް އިންތިހާބެއް އެ ކޮމިޝަނުން ބާއްވައިފައިވާ ކަމަށެވެ. އަދި ފާއިތުވި އަހަރުތަކުގައި އެތަކެއް ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާކަން އަކްރަމް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންނަށް ފެނުނު ތަނުގައި ދުނިޔޭގެ ގައުމުތަކަށް ބަލާއިރު އަމިއްލަ އިމާރާތެއް ނެތް ހަމައެކަނި އިލެކްޝަން ކޮމިޝަން އަކީ ރާއްޖޭގެ އިލެކްޝަން ކޮމިޝަން. އެހެން ނަމަވެސް އަޅުގަނޑުމެންގެ މަސައްކަތް މިދިޔައީ ވަރަށް ހަލުވިކަމާ އެކު ބަވަނަ ވަމުންދާ ދުނިޔޭގައި ފަހަތަށް ނުޖެހި ކުރިއަށް" އަކްރަމް ވިދާޅުވިއެވެ.

މީގެ އިތުރުން އަކްރަމް ވިދާޅުވީ، އިލެކްޝަން ކޮމިޝަންގެ ތާރީހުގައި ކާމިޔާބީތަކެއް ހޯދިފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެގޮތުން ދުނިޔޭގެ އިލެކްޝަން ކޮމިޝަންތަކުން އެއްތަނަކަށް އެއްވެ ބާއްވާ އެންމެ ބޮޑު ސައްލާ ރާއްޖޭގައި ބޭއްވިގެން ދިއުން އޭނާ ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ އިލެކްޝަން ކޮމިޝަންތަކުގެ މެންބަރެއްގެ ގޮތުގައި ދިވެހިރާއްޖެ 2011 ވަނަ އަހަރު ވަނީ ރަޖިސްޓްރީވެފައި. ހަމައެހެންމެ ފެންބޯސާ، މި ސަރަހައްދުގެ އިލެކްޝަންތަކުގެ މެންބަރެއްގެ ގޮތުގައި އަޅުގަނޑުމެންވެ، 2016 ވަނަ އަހަރުގެ އޮގަސްޓު މަހުގެ އެއްވަނަ ދުވަހު މި ދިވެހިރާއްޖޭގައި ވަނީ ފެންބޯސާގެ ބައްދަލުވުމެއް ބާއްވާފަ. ހަމަ އެހެންމެ ދުނިޔޭގެ އިލެކްޝަން ކޮމިޝަންތަކުގެ ޖަމިއްޔާތައް ނުވަތަ އިލެކްޝަން ކޮމިޝަންތައް އެއްތަނަކަށް އެއްވެ ބާއްވާ އެންމެ ބޮޑު ސައްލާ މިދިޔަ އަހަރުގެ ތެރޭގައި އަޅުގަނޑުމެން ވާނީ ދިވެހި ރާއްޖޭގައި ބާއްވައިފަ" އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ، 2018 ވަނަ އަހަރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަކު ހޮވަން ބޭއްވި ރިޔާސީ އިންތިހާބަށް ފަހު އެ ކޮމިޝަންގެ ބައެއް މެންބަރުންނަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އަދި އެހުރިހާ ކަމަކާ އެކުވެސް މިއަދު އިލެކްޝަން ކޮމިޝަނުން ތެދުވެ މިތިބީ ރާއްޖޭގެ ތާރީހުގައި ބޭއްވޭ އެންމެ ތަފާތު ބޮޑު އިންތިހާބު ބޭއްވުމަށް ކަމަށް އަކްރަމް ވިދާޅުވިއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ރެއިން ފެށިގެން އިލެކްޝަން ކޮމިޝަނުން ވަނީ ހުޅުވާލައިފައެވެ. މިފަހަރުގެ އިންތިހާބުގައި 1،912 ކެންޑިޑޭޓުން އިންތިހާބު ކުރާނެއެވެ. އެގޮތުން ލޯކަލް ކައުންސިލުގެ އިންތިހާބުގައި 982 ކެންޑިޑޭޓުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި 930 ކެންޑިޑޭޓުން އިންތިހާބު ކުރާނެއެވެ.