ޚަބަރު

އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް ސަލީމް އައްޔަން ކުރައްވައިފި

މަރިޔަމް ޝަހުދާ

އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް މ.މާހުރާ، އަހުމަދު ސަލީމް އައްޔަންކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މި މަގާމަށް ސަލީމް އައްޔަން ކުރެއްވީ މިއަދު ހެނދުނު މިކަމަށް ހާއްސަކޮށްގެން ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް ސަލީމް މިއަދު އައްޔަން ކުރެއްވި އިރު އޭނާ މީގެ ކުރިން އަދާކުރެއްވީ ރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމެވެ.

ސަލީމަކީ 1968ވަނަ އަހަރު ހާރިޖީ ދާއިރާއާއި ގުޅިވަޑައިގަތް ބޭފުޅެކެވެ. އޭރުންފެށިގެން މިހާތަނަށް ސަލީމް ވަނީ ހާރިޖީ ދާއިރާގެ ގިނަ މަގާމުތަކެއްގައި ހިދުމަތް ކުރައްވާފައިކަމަށް ރައީސް އޮފީހުންބުނެއެވެ.

އެގޮތުން ހާރިޖީ ދާއިރާގައި ވޭތުކުރި 21 އަހަރުގައި އެމެރިކާގައި ހުންނަ ރާއްޖޭގެ ޕާމަނަންޓް މިޝަންގައާއި ސްރީލަންކާގެ ހައިކޮމިޝަނުގައި ސަލީމް މަސައްކަތް ކުރައްވާފައިވާކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި ސަލީމް ވަނީ އދ އާއި ކޮމަންވެލްތުގެ މަތީ ފަންތީގެ ބައްދަލުވުންތައް އަދި އައިއޯސީ އާއި ސާކު ފަދަ ޖަމާއަތްތަކުގެ ބައްދަލުވުން ތަކުގައިވެސް ރާއްޖެ ތަމްސީލު ކުރައްވާފައިކަން ރައީސް އޮފީހުން ފާހަގަ ކުރިއެވެ.

ސަލީމް ވަނީ 2012 އިން 2014 އަށް 11 ވަނަ ސެކެޓްރީ ޖެނެރަލްގެ މަގާމުވެސް ފުރުއްވާފައެވެ.