އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު 2020 އަދި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު 2020 ގެ ކެނޑިޑޭޓުންނަށް އެމީހުންގެ ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމުގެ އިންތިޒާމު ހަމަޖައްސާފައިވާނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން، (ޑީޖޭއޭ) އިން ބުނެފިއެވެ.
ޑީޖޭއޭ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގެ ކެންޑިޑޭޓުން ގޮތުގައި އިލެކްޝަނަށް ފޯމު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ދަށު ކޯޓުތަކުން ސާފުކުރަން ޖެހޭ ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުން އެ ޑިޕާޓްމަންޓުގައި ހަމަޖައްސާފައިވާ ކަމަށެވެ.
އެގޮތުން ހަފުތާގެ ކޮންމެ ދުވަހަކުވެސް އެ ޑިޕާޓްމަންޓަށް ގޮސް، ކެންޑިޑޭޓުގެ ކުށާއި ދަރަނީގެ ރެކޯޑު ސާފު ކުރުމުގެ ކަންކަން ހަމަޖެއްސޭނެ ކަމަށް އެ ޑިޕާޓްމަންޓުން ބުނެއެވެ.
އެ ގޮތުން އާދިއްތައިން ބުރާސްފަތި ދުވަހާއި ހަމައަށް ހެނދުނު 8:00 އިން 16:30 އަށް، ހުކުރު ދުވަހު 14:30 އިން 17:00 އަށް އަދި ހޮނިހިރު ދުވަހު 10:00 އިން 16:30 އަށް އެ ޑިޕާޓްމަންޓަށް ގޮސް މި މައުލޫމާތު ސާފު ކުރެވޭނެ ކަމަށް ޑީޖޭއޭ އިން ބުނެއެވެ.
އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެއީ މިމަހު 20 ވަނަ ދުވަހުގެ ނިޔަލަށެވެ. އިންތިހާބު ބޭއްވުމަށް އިލެކްޝަނުން ހަމަޖައްސާފައިވަނީ އޭޕްރީލް މަހު ހަތަރު ވަނަ ދުވަހުއެވެ.