ޝަހީދާ އަބްދުﷲ ސައީދު
ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ސިޔާސީ ޕާޓީއެއް އުފައްދާކަމަށް ބުނެ ވާހަކަދައްކަނީ މެންބަރުންގެ މެދުގައި ބައިބައިވުން އުފެއްދުމަށް ކަމަށް ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު އިބްރާހީމް މުއާޒު އަލީ ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން އިތުރު ޕާޓީއެއް އުފައްދަން އިލެކްޝަންސް ކޮމިޝަނުން ފޯމު ނަގާފައިވާކަމަށް ވިދާޅުވެ، އެކޮމިޝަންގެ މެންބަރު އިސްމާޢީލް ހަބީބު މިއަދު ޓުވީޓެއް ކުރައްވާފައި ވަނިކޮށް، މުއާޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޔާމީން އިސްވެ ހުންންވައިގެން ސިޔާސީ ޕާޓީއެއް އުފައްދަން ނޫޅުއްވާ ކަމަށެވެ.
އަދި ބައެއް ފަރާތްތަކުން އެގޮތަށް އެވާހަކަ ދައްކަމުންދަނީ އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީގެ މެންބަރުންގެ މެދުގައި ބައިބައިވުން އުފެއްދުމަށް ކަމަށް މުއާޒު ވިދާޅުވިއެވެ.
ރައީސް ޔާމީން އިސްވެ ހުންނަވައިގެން ސިޔާސީ ޕާޓީއެއް އުފައްދަން މަސައްކަތް ނުކުރައްވާ ކަމަށް ޕީޕީއެމްގެ ނާއިބު ރައީސާ އާޒިމާ ޝުކޫރުވެސް މިއަދު ވަނީ ވިދާޅުވެފައެވެ.
ރައީސް ޔާމީން އިސްވެ ހުންނަވައިގެން އިތުރު ޕާޓީއެއް އުފައްދަން އުޅުއްވާކަމުގެ އަޑުތަކެއް ފެތުރެމުން ދަނިކޮށް، މިއަދު ހައިކޯޓުން ވަނީ ޕީޕީއެމްގެ ގައުމީ ޖަލްސާގައި ނިންމާފައިވާ ނިންމުންތައް ރަނގަޅު ކަމަށް ކަނޑައަޅައި، އެނިންމުން ބަލައިގަތުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރުކޮށްފައެވެ.
ނަމަވެސް އެކޮމިޝަނުން ބުނެފައިވަނީ ހައިކޯޓުގެ އެނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށެވެ.