ޚަބަރު

ނޫމަޑި މައްސަލައިގައި އިހުމާލުވި މީހުންނާ މެދު ފިޔަވަޅު އަޅައި ގެއްލުމުގެ ބަދަލު ހޯދުމަށް މަޖިލީހުން ފާސްކޮށްފި

އިބްރާހިމް ޒަކީ

ހައުސިން ޔުނިޓުތަކެއް ހަދަން ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް އާއެކު ވި އެއްބަސްވުން އުވާލި މައްސަލާ ގުޅިގެން، ސެޓްލްމެންޓް އެގްރީމެންޓް ހަދައި ދައުލަތުން ނޫމަޑިއަށް 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ދޭން ޖެހުނު މައްސަލައިގައި އިހުމާލުވި މީހުންނާ މެދު ފިޔަވަޅު އަޅައި އެކަމުން ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން އެގޮތަށް ފާސްކުރީ، ރައްްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބަލައި އެކަމާގުޅިގެން އަޅަން ޖެހޭ ކަންކަން ހިމަނައި، މަޖިލީހަށް ހުށަހެޅި ރިޕޯޓް ފާސް ކޮށްގެންނެވެ.

އެ ރިޕޯޓް މިއަދު މަޖިލީހުން ފާސްކުރީ، ޖަލްސާގައި ތިއްބެވި 63 މެންބަރުންގެ ތެރެއިން 60 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

އެކި ރަށްރަށުގައި 1،100 ހައުސިން ޔުނިޓް އެޅުމަށް ނޫމަޑިއާއެކު ވެފައިވާ އެއްބަސްްވުން އުވައުލީ ކުރީގެ ސަރުކާރުންނެވެ.

އެ މައްސަލަގައިގައި ބަދަލުގެ ގޮތުގައ 155 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) އާއި އާބިޓްރޭޝަނާ ގުޅޭ އެހެން ހުރިހާ ހަރަދެއް ހޯދުމަށް ނޫމަޑިން ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ދެ މައްސަލައެއް ހުށަހެޅިއެެވެ.

އޭގެ ތެރޭން އެއް މައްސަލައަކީ، ޕްރައިވެޓް ވިލާ މޮޑެލްގެ ދަށުން 600 ހައުސިން ޔުނިޓް ތަރައްގީކުރަން ހަވާލުކުރި އެއްބަސްވުން ބާތިލް ކުރި މައްސަލައެވެ. އެ ޕްރޮޖެކްޓުގައި ސޮއިކޮށްފައިވަނީ 20 ޖެނުއަރީ، 2011، ގައެވެ.

ނޫމަޑިންހުށަހެޅި ދެވަން މައްސަލައަކީ 500 ހައުސިން ޔުނިޓާއި ޕޮލިސް އެކަޑަމީ ފޭސް 1 އާއި 3 ރަށެއްގެ ނަރުދަމާގެ ނިޒާމް ތަރައްގީކުރަން ހަވާލުކުރި އެއްބަސްވުމުގެ މައްސަލަ އެވެ. މިއީ 30 މެއި 2013 ގައި ސޮއިކޮށްފައިވާ އެއްބަސް ވުމެކެވެ.

ނަމަވެސް ނޫމަޑީގެ ފަރާތުން އާބިޓްރޭޝަނަށް ހުށަހެށި މައްސަލަތައް އާބިޓްރޭޝަނުން ބޭރުގައި ސަރުކާރާއެކު ވާހަކަ ދައްކައިގެން ވަނީ ހައްލު ކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވާފައިވާ ސެޓްލްމަންޓު ކޮމިޓީގެ ލަފައާއެކު އެ މައްސަލަ ނިންމާފައިވަނީ، ނޫމަޑިން ބަދަލުގެ ގޮތުގައި ހޯދަން ހުށަހެޅި 155 މިލިޔަން ޑޮލަރުގެ ބަދަލުގައި 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ދޭން އެއްބަސް ވެގެންނެވެ.

މިކަމާ ގުޅިގެން މާލިއްޔަތު ކޮމިޓީން އެ މައްސަލަ ދިރާސާކޮށް މަޖިލީހަށް ހުށަހައިގެން މިއަދުގެ ޖަލްސާއިން ފާސްކުރި ރިޕޯޓުގައި ވަނީ، ނޫމަޑިއާއެކު ސަރުކާރުން ވެފައިވާ އެއްބަސްވުމާ ގުޅޭގޮތުން ހިނގާފައިވާ އެންމެހާ މުއާމަލާތްތައް ބަލައި ތަހުގީގު ކުުރުމަށް އޭސީސީ އާއި ފުލުހުންނާއި އޮޑިޓާ ޖެނެރަލް އަށް ހުށަަހޅައި، އެކަމަށް އިހުމާލުވާ ފަރާތްތައް ފަރުދީގޮތުން ޒިންމާ ކުރުވައި، އެ ފަރާތްތަކުގެ ކިބައިން ދިވެހި ސަރުކާރަށް އެ ފައިސާ އަނބުރާ ހޯދުމަށް މާސްކޮށްފައެވެ.