ކޮމަންވެލްތު ސެކްރެޓޭރިއެޓްގައި ރާއްޖޭގެ ދިދަ ނެންގެވުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ލަންޑަނަށް ފުރާވަޑައިގެންފިއެވެ.
ކޮމަން ވެލްތުގައި ރާއްޖޭގެ ދިދަ ނެގުމުގެ ރަސްމިއްޔާތަށް މިނިސްޓަރު ޝާހިދު އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނަށް ފުރާވަޑައިގަތީ މިއަދުގެ ވަގުތެއްގައި ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
ފޮރިން މިނިސްޓްރީން ބުނީ މި ދަތުރުގައި ކޮމަންވެލްތުގެ އިސްވެރިންނާއި އިނގިރޭސިވިލާތުގެ ފޮރިން އެންޑް ކޮމަންވެލްތު އޮފީހުގެ އިސްވެރިންނާ ބައްދަލު ކުރައްވައި، ކޮމަންވެލްތާއި، ކޮމަންވެލްތުގެ މެންބަރު ގައުމުތަކާއި ގުޅިގެން ރާއްޖެއިން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ޝާހިދު އަރުވާނެ ކަމަށެވެ.
ފޮރިން މިނިސްޓްރީން ބުނީ ރާއްޖެ ކޮމަންވެލްތަށް އަލުން ވަނުމާ ގުޅިގެން ދިދަ ނަގާނީ މާދަމާ އޮންނަ ކޮމަންވެލްތުގެ 54 ވަނަ ބައްދަލުވުމުގައި ކަމަށެވެ. އަދި އެ ރަސްމިއްޔާތަށްފަހު މިނިސްޓަރު ޝާހިދު ރާއްޖޭގެ ހައިކޮމިޝަނަށް ވަޑައިގެން، އެތަނުގެ ނަންބޯޑު ރަސްމީކޮށް ބަދަލު ކޮށްދެއްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.
ކޮމަންވެލްތުގެ މެންބަރު ގައުމަކަށް ރާއްޖެ އަލުން ވުމާއި ގުޅިގެން، މެންބަރު އެހެން ގައުމުތަކުގައި ހިންގާ ޑިޕްލޮމެޓިކް މިޝަންތަކުގެ ނަންތައް އެމްބަސީތަކުގެ ބަދަލުގައި ހައިކޮމިޝަންތަކަށް ބަދަލު ވެގެން ދާނެ އެވެ.