ޚަބަރު

ހިޝާންގެ ބެލުމުގެ ދަށުގައި ހުރި ޒުވާނާ މިހާރު ހުރީ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ކަމަށް ބުނެފި

މަރިޔަމް ޝަހުދާ

ޖިންސީ ގޯނާގެ ތުހުމަތުތައް ކުރެވޭ ގ. ނީރުވީކް އަހުމަދު ހިޝާންގެ، ބެލުމުގެ ދަށުގައި، ހުރި ހާއްސަ އެހީއަށްބޭނުންވާ ޒުވާނާ މިހާރު ހުރީ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީން މިއަދު އާންމު ކުރި ނޫސް ބަޔާނެއްގައި ބުނީ ހިޝާންގެ ބެލުމުގެ ދަށުގައި ހުރި ހާއްސަ އެހީއަށް ބޭނުންވާ މީހެއްގެ ގާނޫނީ ބެލެނިވެރިކަމުގެ މައްސަލަ ދައުލަތުގެ މުއައްސަސާތަކުގެ ސަމާލު ކަމަށް އައިސްފައިވަނީ 2017 ވަނަ އަހަރުގެ ފަހުކޮޅުގައި ކަމަށެވެ.

2017 ވަނަ އަހަރު މި މައްސަލަ ޖެންޑާ މިނިސްޓްރީގެ ސަމާލުކަމަށް އައި އިރު ވެސް އެ ޒުވާނާގެ އުމުރަކީ 18 އަހަރު ކަމަށް މިނިސްޓްރީން ބުނެ އެވެ. އަދި އޭނާއަށް 18 އަހަރު ފުރިފައި ވުމުން އެ ހާލަތުގައި އަމަލު ކުރަން ނިންމީ އެހެންވެސް ބޮޑެތި މީހުންނާއި މެދު އަމަލު ކުރާ ގޮތަށް ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

އޭރު މި މައްސަލަަ އާއި ގުޅިގެން މިނިސްޓްރީން ހެދި ރިޕޯޓުގައި ހިމެނޭ، ހާއްސަ އެހީއަށް ބޭނުންވާ ޒުވާނާގެ ސިއްހީ އަދި އެހެނިހެން މައުލޫމާތުން އޭނާ އަކީ ތަސައްރަފު ނުފުދޭ މީހެއްކަން ފާހަގަ ކުރެވިފައި ނުވާ ކަމަށް ޖެންޑާ އިން ބުނެއެވެ. އަދި މި ސަބަބާ ގުޅިގެން އޭނާއާއި މެދު އަމަލު ކުރީ 18 އަހަރު ފުރިފައިވާ އެހެން ފަރާތްތަކެކޭ ވެސް އެއްގޮތަށް ކަމަށް ޖެންޑާ އިން ބުނެއެވެ.

ގާނޫނުން 18 އަހަރު ފުރިފައިވާ ދިވެހި ކޮންމެ ރައްޔިތަކަށް ލިބިދޭ އަމިއްލަ ކަންކަން އަމިއްލަ އިހުތިޔާރުގައި ނިންމުމާއި އެ ފަދަ އެންމެހާ ހައްގުތަކާއި މިނިވަންކަން މިއަދާއި ހަމައަށްވެސް އެ ޒުވާނާއަށް ލިބިފައިވާނެ ކަން ޖެންޑާ މިނިސްޓްރީން ފާހަގަ ކޮށްފައި ވެއެވެ. އަދި އޭނާ ގ. ނީރުވީކްގައި ހިޝާން ދިރިއުޅޭ އެޕާޓްމަންޓުގައި އުޅެނީ އަމިއްލަ އިހުތިޔާރުގައި އޭނާގެ އާއިލާގެ ރުހުމާއި އެކު ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން މި ބަޔާނުގައި ވަނީ ކުރިން ޒުވާނާގެ މައްސަލަ ބެލި އިރު އޭނާގެ ސިއްހީ އަދި ނަފުސާނީ އެއްވެސް އެސެސްމަންޓެއް ހަދާފައި ނުވާކަމަަށެވެ. އަދި މިނިސްޓްރީގެ ބެލުމުގެ ދަށަށް އެޒުވާނާ ގެނައީ ހިޝާން އާއި ގުޅިގެން ސީރިއަސް މައްސަލަތަކެއް ފުލުހުން ބަލަން ފެށުމާއެކު އޭނާގެ ހާލަތާއި ގުޅޭ ގޮތުން މިނިސްޓްރީން އެއްކޮށްފައިވާ މައުލޫމާތުގެ މައްޗަށް ރިއާޔަތްކޮށް އޭނާއަކީ އަމިއްލަ އިހުތިޔާރުގައި ކަންކަން ނިންމުމުގެ ގާބިލިއްޔަތުކަން ލިބިފައިވާ މީހެއްތޯ ކަށަވަރު ކުރުމަށް ކަމަށް މިނިސްޓްރީން ބުނެއެވެ.

އެގޮތުން އެ ޒުވާނާ އަކީ އަމިއްލަ ކަންކަން އަމިއްލަ އިހުތިޔާރުގައި ނިންމުމުގެ ގާބިލުކަން ލިބިފައިވާ މީހެއްތޯ ކަށަވަރު ކުރުމަށް ކުރަން ޖެހޭ ފަންނީ ތަހުލީލުތައް ކުރުމުގެ މަސައްކަތް ފުލުހުންގެ އެހީތެރިކަމާއި ކަމާ ގުޅޭ އިދާރާތަކާއެކު އެ މިނިސްޓްރީން ކުރަމުން އަންނަ ކަމަށް މި ބަޔާނުގައި ވެއެވެ.

ޖެންޑާ އިން ވަނީ މި ފަދަ މައްސަލަތަކުގައި ކުރިން ނިންމުމެއް ނިންމާފައިވީ ނަމަވެސް ހާއްސަ ރައްކާތެރިކަމާއި އަޅާލުން ބޭނުންވާ ފަރާތްތަކުގެ ރައްކާތެރި ކަމަށް ނުވަތަ ހައްގަކަށް އުނިކަން ލިބޭކަމަށް ފާހަގަ ކުރެވޭނަމަ އެ މައްސަލައެއް މުރާޖާކޮށް އަޅަން ޖެހޭ ފިޔަވަޅެއް ލަސްނުކޮށް އެޅުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށް ބުނެފައެވެ.