ހިޔާ ފްލެޓް ދިނުމުގައި ޝާމިލުވި ފަރާތްކާމެދު ޖިނާއީ ތަހުގީގެއް ހިންގަން ފުލުހުންނަށް މައްސަލަ ހުށަހަޅަން މާލޭ ސިޓީ ކައުންސިލުން ނިންމީ އެމްޑީޕީން ބޭނުންވާ ބަޔަކަށް ޖާގަ ދިނުމަށް ކަމަށް ޕީއެންސީގެ ރައީސް އަދި ލ.ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީނަށް އިއްވާފައިވާ ހުކުމާ ދެކޮޅަށް އަޑު އުފުލުމަށް ރޭ އެޕާޓީ އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވުން އަދުރޭ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި ހިންގާފައިވާ ހިޔާ މަޝްރޫއަކީ އެކަމަށް ބޭނުންވެފައިވާ ފަރާތްތަކަށް ބޯހިޔާވަހިކަން ކަށަވަރުކުރުމަށް އެމަނިކުފާނުގެ ސަރުކާރުގައި ހިންގާފައިވާ އިންސާފުވެރި މަޝްރޫއެއް ކަމަަށެވެ. އެގޮތުން ފްލެޓް ދިނުމުގައި ރައީސް ޔާމީންގެ ޕާޓީގެ މެންބަރުންނަށް އިސްކަންދީފައި ނުވާނެ ކަމަށް އަބްދުރަހީމް ވިދާޅުވިއެވެ.
"މިއަދު އަޅުގަނމެންނަށް އަޑު މި އިވެނީ މި ފްލެޓް ދޫކުރުމަށް ކަންތައްތައް ކުރި މީހުންނާ ދެތެރޭ ޖިނާއީ ތަހުގީގެއް ކުރުމަށް ފުލުހަށް ފޮނުވަން ސިޓީ ކައުންސިލުން ނިންމައިފިޔޭ ބުނާ ވާހަކަ. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މިއުޅެނީ އެހެން އެއްވެސް ކަމެއް ކުރާކަށެއްނޫން މިއުޅެނީ އެމްޑީޕީން ބޭނުންވާ ބަޔަކަށް ފްލެޓް ދޭންވެގެން." އަބްދުއްރަހީމް ވިދާޅުވިއެވެ.
ހިޔާ ފްލެޓް ލިބިފައިވާ ގިނަ ފަރާތްތަކަކީ އެމްޑީޕީއަށް ނިސްބަތްވާ މީހުން ކަމަށާއި ފްލެޓް ދިނުމުގައި ގެންގުޅެފައިވާ އިންސާފުވެރި އުސޫލުތަކުން އެމްޑީޕީއަށް އެކަން ސާފުވާނެ ކަމަށެވެ. އަބްދުރަހީމް ވިދާޅުވީ ހިޔާ ފްލެޓަކީ އެމްޑިޕީއާ ގުޅުން ހުރި މަޝްރޫއެއް ނޫން ކަމަށާއި ފްލެޓަށް ކުރިމަތިލީ 7000 މީހުންގެ ތެރެއިން 5000 މީހުން ޝަރުތު ހަމަނުވާ ކަމަށް ވިދާޅުވެ ރައްިޔތުންގެ މަޖިލީހުގެ ރައީސް އަދި ރައީސް މުހައްމަދު ނަޝީދު ހަައްދަވަނީ އިތުރުފުޅެއް ކަމަށެވެ. އިންތިހާބަށް އެމްޑީން ރައްޔިތުން ގުނބޯ ހައްދަނީ ކަމަށާއި މި ސަރުކާރަށް ހިންގިފައިވާ މަޝްރޫއެއް ނުބުނެވޭނެ ކަމަށާއި ހުޅުވަމުންދަނީ ޔާމީން ސަރުކާރުގައި ފަށާފައިވާ މަޝްރޫއުތައް ކަމަށް ވެސް އަބްދުރަހީމްގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
އެހެންކަމުން 5000 ރައްޔިތުންގެ ހައްގުގައި ޕީޕީއެމުން ނިކުންނާނެ ކަމަށާއި ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަން ހޯދައިދެވޭނީ ޕީޕީއެމްގެ މެމްބަރުންނަށް ވޯޓުދީގެން ކަމަށްވެސް އަބްދުރަހީމްގެ ވާހަކައިގައި ވިދާޅުވިއެވެ.