ޚަބަރު

އިސްތިއުފާ ނުދީފި ނަމަ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާނަން: މީކާއިލް

އައިދާ އަބްދުލް ހަކީމް

ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް އިސްތިއުފާ ނުދެއްވައިފި ނަމަ އިތުބާރު ނެތްކަމުގެ މައްސަލަ މަޖްލީހަށް ވައްދާނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

އެ މައްސަލަ މަޖިލީހުގެ ސަމާލުކަމަށް ގެނެސް، މެމްބަރު މީކާއީލް ވަނީ ޖެންޑާގެ އިހުމާލު ބެލުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފައެވެ.

އެ މައްސަލައަށް ބަހުސް ކުރައްވަމުން މެމްބަރު މީކާއީލް ވަނީ މިނިސްޓަރު ޝިދާތާގެ އިސްތިއުފާއަށް ގޮވާލައްވައިފައެވެ. އަދި އިސްތިއުފާ ނުދެއްވާނަމަ، އެ މަގާމުން ޝިދާތާ ވަކިކުރަން ސަރުކާރަށް ގޮވާލައްވައިފައެވެ. އަދި ސަރުކާރުން އެކަން ނުކުރާނަމަ މަޖިލީހުން އެކަން ކުރާނެ ކަމަށް މީކާއިލް ވިދާޅުވިއެވެ.

މައްސަލައާ ގުޅިގެން މީކާއިލް ވަނީ ޓުވީޓުވެސް ކުރައްވާފައެވެ.

ކުރީގެ އޮނަރަރީ ޑިސްއެބިލިޓީ އެމްބެސެޑަރު އަހުމަދު ހިޝާނަށް ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާކަން ޖެންޑާ މިނިސްޓްރީއަށް އެނގިތިބެ، އޭނާއަށް އެ މަގާމާއި ގައުމީ އިނާމުތައް ދީފައިވާ މައްސަލައިގައި ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފްގެ އިސްތިއުފާއަށް ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުން މިއަދު ވަނީ ގޮވާލައްވައިފައެވެ.

ހިޝާންއާ އެކު ދިރިއުޅެމުން އަންނަ ކުއްޖެއްގެ ބެލެނިވެރިކަން ހޯދުމަށް އޭނާ ކޯޓަށް ވައްދައިގެން އުޅޭ މައްސަލައިގައި ހައިކޯޓުގައި އިއްޔެ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހާމަވެފައިވާ ގޮތުގައި ހިޝާންއަށް އެމްބެސެޑަރުކަން ދިންއިރުވެސް، ހިޝާންގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކުރެވޭކަން ފުލުހުން ވަނީ ޖެންޑާގެ ސަމާލުކަމަށް ގެނެސްފަ އެވެ.

ނަމަވެސް ޖެންޑާ މިނިސްޓްރީން އެކަމަށް އިހުމާލުވެ އެމައްސަލަ ބަލާފައި ނުވާކަން އިއްޔެ ބޭއްވި ޝަރީއަތުގެ މަޖިލީހުން ވެސް ވަނީ ހާމަވެފައެވެ.

އިދިކޮޅު ފަރާތްތަކާއި، އާންމުންގެ އިތުރުން މަޖިލީހާއި ސަރުކާރަށް ނިސްބަތްވާ ގިނަ ފަރާތްތަކުން ދަނީ ކުޑަކުދިންގެ ގިނަ މައްސަލަ ތަކުގައި ޖެންޑާ މިނިސްޓްރީގެ އިހްމާލު އޮތްކަމަށް ބުނެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް އިސްތިއުފާއަށް ގޮވަމުންނެވެ.